ރަސްފަންނުގައި ހަރުކޮށްފައިފައި މާފަންނު މެދު ދާއިރާގެ މިނިވަން ކެންޑިޑޭޓް އާމިނަތު ހަސަން (އައިންތު މިސް) ގެ ބިލް ބޯޑުތައް ނެގުމުގުމަކީ ސިޔާސީ ކަންކަމާ ކުރިމަތިލާ އަންހެނުންނަށޤ ހުރަސް އެޅުމުގެ އަމަލެއް ކަމަށް އައިންތު މިސްގެ ކެމްޕޭނު ޓީމުން ބުނެފިއެވެ.
އައިންތު މިސްގެ ކެމްޕޭނު އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްފަންނުގައި ބަހައްޓާފައި ހުރި މެނިފެސްޓޯ ބިލްބޯޑު އެ އޮފީހަށް އެންގުމަކާ ނުލާ ގެއްލުންދީ ނައްތާލާފައިވާކަމަށެވެ.
ބިލްބޯޑުތައް ޖެހުމުގެ ހުއްދައަށް އެ އޮފީހުން އެދިފައިވާނީ މިދިޔަ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހުކަމަށް އެ އޮފީހުން ބުނެއެވެ. ބިލްބޯޑު ޖެހުމުގެ އިއުތިރާޒެއް ނެތްކަމުގައި ސިޓީ ކައުންސިލްގެ ފަރާތުން ފޯނުގެ ޒަރީޢާއިން އެންގިކަމަށް ވެސް އެ އޮފީހުން ބުނެފިއިވެއެވެ. އަދި މާލޭގައި ބިލްބޯޑު ހަރުކުރުމުގައި ޢަމަލުކުރާ އުސޫލު ހިއްސާކޮށްދިނުމަށް އެދި 28 ފެބުރުއަރީ ގައިވެސް އޮފީހުން އެދިފައިވާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެ އޮފީހުން ފޮނުވި އެއްވެސް ސިޓީއަކަށް ސިޓީކައުންސިލުން ޖަވާބުދީފައެއް ނުވެއެވެ.
“މިއީ ޕާޓީތަކުން އަންހެން ކެންޑިޑޭޓުންނަށް ފުރުސަތު ނުދިނުމުގެ އިތުރަށް ސިޔާސީ ކަންކަމަށް ކުރިމަތިލާ މިނިވަން އަންހެން ކެންޑިޑޭޓުންނަށް ހުރަސް އެޅުމުގެ އަމަލެއް. ސިޔާސީ ފަރާތްތަކުން އަންހެނުން ބޭނުންކުރަނީ މާޗު 8 ގައި ފޮޓޯ ނަގަން ބޭނުންކުރާ ޕްރޮޕް ތަކެއްގެ ގޮތުގައި. އަދި މިއަދު ސިޓީ ކައުންސިލްގެ ޢަމަލުތަކުން ސާބިތުވާ އަނެއްކަމަކީ ފިރިހެން ކެންޑިޑޭޓުންނާއި އަންހެން ކެންޑިޑޭޓުންގެ މެދުގައި ތަފާތުކުރުން އިންތިހާއަށް އޮތްކަމެއް،”
އައިންތު މިސްގެ ކެމްޕޭނު އޮފީހުން ވަނީ ކެންޑިޑޭޓްގެ އިންތިހާބީ ހައްގުތައް ކަށަވަރުކުރުމަށް އިލެކްޝަންސް ކޮމިޝަނަށާއި ސިޓީ ކައުންސިލަށް އިލްތިމާސްކޮށްފައެވެ.
އޭނާގެ އިންތިހާބީ ހައްގަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ގައިރު ގާނޫނީ އަމަލުތަކާ ގުޅިގެން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނޭ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.