މި ސަރުކާރުން އަންހެނުންނަށް ކުރާ ފުރައްސާރައިގެ މައްސަލަތައް އިތުރުވަމުން އަންނަކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތެއް ނުކުރާ ހާލު، އަންހެނުންނަށް ފުރައްސާރަކުރަމުން އަންނަކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ގޮތުން އަންހެނުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ޕީއެންސީގެ ސަރުކާރު އައުމާއެކު މި ހުރިހާ ރޮނގަކުން އަންހެނުންނަށް ލިބެމުން އައި ފުރުސަތުތައް ހަނިކޮށްފައި ވާކަން ފާހަގަކޮށް އެމްޑީޕީ އިން ބުނީ މިދިޔަ ފަސް އަހަރު، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، މުޖުތަމައުގެ ހުރިހާ ދައިރާއެއްގައި އަންހެނުންނަށް ފުރިހަމައަށް ބައިވެރިވެވޭނެކަން ކަށަވަރުކޮށްދިނުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާކަމަށެވެ.
ޔޫއެންޑީޕީއާ ގުޅިގެން މިދިޔަ ސަރުކާރުން އެކުލަވައިލި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގައި މިއަހަރު ކުރަން ހުރި މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފުސީލު މި ސަރުކާރުން ހާމަކުރުން ހުއްޓާލާފައިވާކަަމަށްވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ. އަދި އެތައް ޒަމާނެއްވަންދެން ސިވިލް ސާވިސްގައި މަސައްކަތްކޮށްފައި ތިބި ތައުލީމީ، ތަޖުރިބާކާރު އަދި ފަންނީ މުވައްޒަފުންނަށް ސިޔާސީ ބޭނުމަށްޓަކައި ވަޒީފާގެ ބިރު ދައްކައި ނަފުސާނީގޮތުން ގެއްލުންދީ، އެމީހުންގެ ހައްގުތަކަށް މި ސަރުކާރުން އަރައިގަންނަމުންދާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީ ސަރުކާރުން އުފެއްދި “ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް” މިނިސްޓްރީގެ ނަމުން “ޖެންޑާ” ވަކިކޮށް އެ މިނިސްޓްރީގެ ނަން “މިނިސްޓްރީ އޮފް ސޯޝަލް އެންދް ފެމިލީ ޑިވަލޮޕްމަންޓް” އަށް ބަދަލުކޮށްފައިވާތީ ކަންބޮޑުވުންފާޅުކޮށް އެ ޕާޓީން ވަނީ އެ މިނިސްޓްރީއަކީ އަންހެން މުވައްޒަފުންނަށް އެންމެ އަނިޔާވެރި މިނިސްޓްރީކަމަށް ތުހުމަތުކޮށްފައެވެ.
މިހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން އަންހެނުންނަށް ކުޑައިމީސްވާގޮތަށް މަޖިލީސް ތަޅުމުގައި ތަކުރާރުކޮށް ވާހަކަދައްކާކަން ފާހަގަކޮށް އެމްޑީޕީއިން ވަނީ މިކަމުގައި ސަރުކާރުން ހަނުހުރުމަކީ މިފަދަ ކަންކަމުގައި ދެކޭގޮތް ވަރަށް ސާފުކޮށް ހާމަކޮށްދޭ ހެއްކެއްކަމުގައި ދެކޭކަމަށް ބުނެފައެވެ. އަދި މިއަދު ރާއްޖޭގައި އަންހެނުން މިތިބި ހިސާބަށް އާދެވިފައި ވަނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެމްޑީޕީއިން ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ކުރަން ހުރި މަސައްކަތް އިންތިހާއަށް ގިނަކަމަށް ބުނެފައެވެ. މީގެ އިތުރުން އެމްޑީޕީ އިން ވަނީ މި ފަދަ ދަނޑިވަޅެއްގައި އަންހެނުންނަށް މިހާރު އާދެވިފައިވާ ހިސާބުން އަނެއްކާ ވެސް ފަހަތަށް ޖެއްސުމަށް މި ސަރުކާރުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.