މީގެ ގަރުނު ތަކެއް ކުރިން ފަރުބަދަ ތަކުގެ ހޮހޮޅައިގައި މީހުން ދިރިއުޅުނު ދުވަސްވަރުގެ އާދަކާދަތައް ތަރައްގީވެފައިވާ މި ޒަމާނަކަށް ތަނެއް ނުދެއެވެ. އެހެނަސް ވަޒީފާގެ މާހައުލުގައި އަދިވެސް މި މިންގަނޑު މަދުން ނަމަވެސް ގެންގުޅޭ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
އެދުވަސްވަރު ކާތަކެތި ހޯދުމަށާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ޝިކާރަކުރަން ދަނީ ފިރިހެނުންނެވެ. އަންހެނުންނަކީ އެމީހުންގެ ދަރިން ނާއި އާއިލާގައި ތިބޭ ދޮށީ އުމުރުގެ މީހުން ބަހަލައްޓައި، ދިރިއުޅޭ ހޮހޮޅައިގެ އެންމެހައި ކަންތައްތައް ބަލަހައްޓަން ހުންނަ މީހާއެވެ. އެއީ ދިރިއުޅުމުގައި އެމީހަކު އަދާކުރަން އޮންނަ ރޯލުކަމަށް އޭރު ކަނޑައެޅިފައި އޮވެއެވެ. ފިރިހެނުން އެމީހުންގެ މޭމަތީގައި ބާސްކީލަ ހަރުކޮށް ދަނގަޑު ދަހަނާ އަޅައިގެން ހަނގުރާމައަށް ގޮސް ހެދިނަމަވެސް ދިރިއުޅުމުގައި އަންހެނުންނަށް އޭރު އޮތީ ތަފާތު މަގާމެކެވެ.
އޭގެ ފަހުން އެތަކެއް ސަތޭކަ އަހަރު ވެއްޖެއެވެ. ގިނަ ބަދަލުތައް ދުނިޔެއަށް އަތުވެއްޖެއެވެ. ފިރިހެނުންނާ އެއްސަފެއްގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށް މަސައްކަތުގެ މައިދާނަށް އަންހެނުންވެސް ނިކުމެއްޖެއެވެ. އެހެނަސް ބަދަލު ނުވާ ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ. އާއިލާގެ ދޮށީ އުމުރުގެ މީހުން ބެލެހެއްޓުމާއި ދަރިންގެ އެންމެހައި ކަންތައްތައް މިއީ އަދިވެސް އަންހެނުންގެ ޒިންމާއެކެވެ. މަސައްކަތުގެ މައިދާނުގައި އެއްހަމައެއްގައި މަސައްކަތް ކުރިނަމަވެސް ގޭގައި ފިރިހެންވެރިން ތިބެނީ އަންހެނުންނަށް އަމުރު ކުރުމުގައެވެ. ގޭތެރޭގައި އަންހެން މީހާއަށް އޮންނަ މިނިވަންކަމުގެ ޖާގަ ކުޑަވެފައި ހަނިއެވެ.
މަސައްކަތުގެ މާހައުލުގައި އަންހެނުންނާ މެދު ތަފާތު ކުރުން އަދިވެސް ގިނަ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ބައެއް ކަހަލަ މަސައްކަތް ތަކަކީ އަންހެނުންނަށް ކުރެވޭނެ މަސައްކަތްތަކެއް ނޫންކަމަށާއި އަދި ފިރިހެނުންނާ އެއްލެވެލް އެއްގައި އަންހެނުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ދެކޭ މީހުން ތިބެއެވެ. އެހެންނަމަވެސް ދުނިޔޭގެ ހުރިހާ ދިމާއަކަށް ބެލިކަމުގައި ވިޔަސް މިހާރު ފެނިގެންދަނީ ތަފާތު މަންޒަރެކެވެ. ފިރިހެނުން ކުރާ ކޮންމެ މަސައްކަތެއް އަންހެނުންނަށް ކުރެވޭ ކަމެވެ. ވަޒީފާގެ މާހައުލުގައި ހަލުވިކަމާއެކު ކުރިހޯދައި ކާމިޔާބު ކުރާ ކަމެވެ. ކުންފުނިތަކުގެ ސީއީއޯ އިން އިން ފެށިގެން ޕޮލިސީ ލެވެލްގައި މަސައްކަތް ކުރާ އަންހެނުން ގިނައިން ފެންނަންތިބިކަމެވެ.
ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިލާންޖެހޭ ޖިންސީ ފުރައްސާރަކުރުން ގިނަ ކަމަށް ވަޒީފާ އަދާކުރާ އަންހެނުން ބުނާ އަޑުއިވެއެވެ. ސަބަބަކަށް ވަނީ އެފަދަ ތަންތަނުގައި މަސައްކަތް ކުރާ ފިިރިހެން މުވައްޒަފުންގެ ފިރިހެންވަންތަކަން ނެތުމެވެ. ތިމާއަށް ވުރެ އަވަހަށް ކުރިއެރުން ހޯދަމުންދާ އަންހެން މުވައްޒަފާ މެދު ހަސަދަ ވެރިވަނީ އެވެ. އަންހެން މުވައްޒަފުގެ ކާމިޔާބީ ބަލައިގަންނަން އުނދަގޫވަނީއެވެ. އެހެންކަމުން ނަފްސާނީގޮތުން އަންހެން މީހާ ބަލިކޮށް ތިމާގެ ގަދަކަން ދައްކާލުމަށް ބޭނުންވަނީއެވެ. ގިނަ ފަހަރަށް މިފަދަ ފުރައްސާރަކުރުންތަކުގެ ފަހަތުގައި ފޮރުވިފައި އޮންނަ ހަގީގަތަކީ މިއީއެވެ.
އެއް އޮފީހެއްގައި ދާދި އެއްވަރަކަށް މަސައްކަތް ކުރާ ދެމަފިރިން އޮފީސް މަސައްކަތް ނިމިގެން ގެއަށް އައިސް ފިރިމީހާ އަރާމުކުރަން ބާއްވާފައި އަންހެން މީހާ ގޭތެރޭގެ މަސައްކަތްތަކާ އުޅޭތަން ފެނެއެވެ. ކެއްކުމާއި ގޭތެރެ ސާފުކުރުމާއި ކުދިންގެ ކަންތައްތަކެވެ. މިހުރިހާ ޒިންމާއަކީ އަންހެނުން އެކަނި އަދާކުރަން ޖެހޭ ކަންކަން ކަމުގައި ބައެއް ފިރިހެނުން ދެކެއެވެ. އަދި ނުވިތާކަށް ގޭތެރޭގެ ކަންކަން ފުރިހަމަ ނުވެގެން އަންހެންމީހާއާއި ދިމާއަށް ހަޅޭލަވާތަން ފެނެއެވެ. އެފަދަ ފިރިންނަށް ގަބޫލު ނުކުރެވޭ ހަގީގަތަކީ އޮފީހުގައި ބުރަކޮށް މަސައްކަތް ކުރުމުން ވަރުބަލިވާނީ ހަމައެކަނި ފިރިހެނުން ނޫންކަމެވެ. ތިމާ ވަރުބަލިވެ އަރާމުކުރުމަށް އެދޭ ފަދައިން އަނެކާވެސް އެފުރުސަތު ބޭނުންވާނެ ކަމެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ދެމީހުން އެއްވަރަކަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދާފަދައިން ގޭތެރޭގެ ޒިންމާވެސް ދެމީހުންނަށް އަދާކުރެވެން ޖެހޭނެކަމެވެ.
ގިނަފަހަރަށް އަންހެނުންނަށް ޖެހެނީ ކިތަންމެ ރަނގަޅު ވަޒީފާއެއް ލިބުނުކަމުގައި ވިޔަސް މިފަދަ ކަންތައް ތަކުގެ ސަބަބުން ވަޒީފާ ދޫކޮށް ގޭގައި މަޑުކުރުމަށެވެ. ތިމާއަށް ލިބިފައި އޮތް ފުރުސަތު ދޫކޮށް އަމިއްލަ ކުރިއެރުމަށް ފަސް އަޅާފޮރުވާށެވެ. އެހެންމީހަކަށް ބަރޯސާ ވެގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. ޒަރޫރީ ބޭނުންތަކުގައި ވެސް ފިރިމީހާގެ ގާތުން އެހީއަށް އެދޭށެވެ. މިއީ އަންހެނުންނަށް ހައްގު މިންވަރެއް ކަމަށް މިފަދަ އަންހެނުން އަމިއްލައަށް ވެސް ގަބޫލެއް ނުކުރެއެވެ.
އެހެންކަމުން ކުޑައިރުއްސުރެން ވެސް އަހަރެމެންގެ އަންހެން ދަރިންނަށް ދަސްކޮށްދޭންވީ މިކަންތައްތަކެވެ. ޒަމާން ބަދަލުވެއްޖެކަމެވެ. އެހެން މީހުންނަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭ ކަމެވެ. ތިމާގެ ހުވަފެންތަކުގައި ކުލަ ޖައްސާނީ ތިމާ ބޭނުންގޮތަކަށް ކަމެވެ. އެހެންމީހުންގެ ޚިޔާލު ކަންކަމުގައި ހޯދި ނަމަވެސް ތިމާގެ ކުރިއެރުމަށްޓަކައި ކުރަން ޖެހޭ ކަންކަމުގައި ގޮތްނިންމާނީ ތިމާ ކަމެވެ. މުޖުތަމައަށް ނިކުންނަން ޖެހޭނީ ނަފްސާނީ ގޮތުން ވަރުގަދަ މީހަކަށް ވެގެންކަމެވެ. ތިމާ ބޭނުން ކޮންމެ ވަޒީފާއެއްވެސް ތިމާއަށް އަދާކުރެވޭނެ ކަމާއި ތިމާގެ ކުރިމަގު ބައްޓަން ކުރާނީ ތިމާއަމިއްލައަށް ކަމެވެ. އަންހެނުންނަކީ ބަލިކަށި ބައެއް ނޫން ކަމާއި އަންހެނުންނަށް މުޖުތަމައުގައި ހައްގު މިންވަރަކީ ކޮބައިކަން ދަސްކުރަން ޖެހޭ ކަމެވެ!