English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫ، މަރަދޫފޭދު އަދި ފޭދޫ ގައި ނަރުދަމާގެ ޚިދުމަތް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ. މިމަޝްރޫއުގެ ދަށުން އިއްޔެ ފަށާފައިވަނީ އެ 3 ރަށުގައި ހޮޅި ވަޅުލުމުގެ މަސައްކަތެވެ. ހޮޅިވަޅުލުމުގެ މަސައްކަތް ފޭދޫއިން ފަށާފައިވާއިރު މި މަޝްރޫޢުގެ ދަށުން މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫގެ ދެހާސް ފައްސަތޭކަ ގޭބިސީއެއް މި ވިއުގައާއި ގުޅާލެވޭނެއެވެ.

އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯންއެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 130 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއި ސަރުކާރުން ހަވާލުކޮށްފައިވާ މި މަޝްރޫއުގައި 38 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކުރާނެއެވެ.

އަންނަ އަހަރުގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސަމާން އެމް.ޓީ.ސީ.ސީ ގެ ސައިޓަށްވަނީ ޖަމާކޮށްފައެވެ. ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްދާއިރު މި މަޝްރޫއަށް ބޭނުންވާ އިތުރު ސާމާން އަންނަ އޮކްޓޯބަރު މަހު އައްޑޫއަށް ގެނެއުމަށްވަނީ ހަމަޖެހިފައެވެ

އައްޑޫގެ ނަރުދަމާ ނިޒާމުގެ މަޝްރޫއު އިފްތިތާޙް ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ލަންކާގެ ސިއަރާ ކުންފުންޏާ ހަވާލުކުރި ހުޅުމީދޫގެ ނަރުދަމާގެ މަޝްރޫއުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށާފައެވެ.