English Edition
Dhivehi Edition

އައްޑޫގައި ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ކުއްޔަށް ބިން ދޫކުރުމަށް އިއުލާންކޮށްފައިވާއިރު އައްޑޫ ސިޓީގައި ފަސް އިކޯ ޓޯރިޒަމް ޒޯން ގާއިމުކުރުމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ހައި ކޮމިޝަނާއި އައްޑޫ ސިޓީ ކައުންސިލްއިންވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ.

އބިންތައް ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ސިޓީ ކައުންސިލުން ބުނީ ބިޑް ޑޮކިއުމެންޓް ދިވެހިންނަށް 2،000ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ބޭރު މީހުންނަށް ވިއްކާނީ 300 ޑޮލަރަށްކަމަށެވެ.

ފަންސާސް އަހަރުގެ މުއްދަތައް ދޫކުރުމަށް ހަމަޖެހިފައިވާ ޓޫރިޒަމް ޒޯންތަކުގެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލުން ހުޅުވާލާފައިވާއިރު، ދެވަނަ ބުރުގެ ދަށުން ހިތަދޫގެ ޓޫރިޒަމް ޒޯނުގެ ތެރޭގައި ހިމެނޭ މާމެން ބީޗް ސަރަހައްދުން 30 ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. 2،400-10،000 އަކަފޫޓްގެ ބިންތައް ހާއްސަކޮށްފައި ވަނީ 10-60 އާ ދެމެދުގެ އެނދުގެ ފެސިލިޓީތަކަށެވެ. އެއީ 26 ގެސްޓްހައުސް އާއި ހަތަރު ސިޓީ ހޮޓަލަށެވެ.

ފޭދޫ ސަވާ ބީޗް ސަރަހައްދުން 24 ބިން ދޫކުރަން ހަމަޖެހިފައިވާ އިރު އޭގެ ތެރޭގައި ވެސް ހިމެނެނީ 2،400-10،000 އަކަފޫޓްގެ ބިންތަކެވެ. އެއީ ގެސްޓް ހައުސްތަކަށް ހާއްސަ 20 ބިމާއި ސިޓީ ހޮޓާތަކަށް ހާއްސަ 4 ބިމެވެ. މަރަދޫ ވެންބޮޅޮފިށި ޒޯނުން ދޫކުރަން ހަމަޖެހިފައިވާ 10،000 އަކަފޫޓްގެ އެއް ބިމަކީ 60 އެނދުގެ ސިޓީ ހޮޓަލަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމެކެވެ.

މީގެ އިތުރުން ހުޅުދޫ ކޭވައް ބީޗުން 25 ބިން ދޫކުރަން ނިންމާފައިވާ އިރު، އޭގެ ތެރެއިން 20 ބިން ހާއްސަކޮށްފައި ވަނީ ގެސްޓްހައުސްތަކަށެވެ. އަދި 5 ބިން ސިޓީ ހޮޓާތަކަށް ހާއްސަކޮށްފައިވާއިރު ހުޅުދޫ އިން ވެސް ދޫކުރަން ހަމަޖެހިފައި ވަނީ 2،400-10،000 އަކަފޫޓާއި ދެމެދުގެ ބިންތަކެވެ. އަދި މީދޫ ކޯގަންނު ބީޗުން 16 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު 13 ބިން ހާއްސަކޮށްފައިވަނީ ގެސްޓް ހައުސްތަކަށެވެ. އަދި ތިން ބިން ސިޓީ ހޮޓާތަކަށް ހާއްސަކޮށްފައިވާއިރު މީދޫ އިންވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 2،400-10،000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.