English Edition
Dhivehi Edition

ގދ.މަޑަވެލީގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށްޓަކައި މަގުކޮނުމަށް ދީފައިވާ ހުއްދަ އެރަށު ކައުންސިލުން ބާތިލުކޮށްފިއެވެ.

އެރަށު ނަރުދަމާ ނިޒާމް ޤާއިމްކުރުމަށްޓަކައި މަގުކޮނުމަށް ހަވާލުކުރެވިފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއާއެވެ.

މަޑަވެލީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނާގޮތުން އެސްޖޭ ކޮންސްޓްރަކްޝަންއަށް ދެވިފައިވާ ހުއްދައިގައި އެފަރާތުން ކައުންސިލާއެކު ވެފައިވާ އިޤުރާރުގައިވާ ގޮތުން މަގުކޮންނަންވާނީ ފެނަކަކޯޕަރޭޝަން މަޑަވެލީ ބްރާންޗާއި، މަޑަވެލީގައި ކޭބަލްޓީވީ ޚިދުމަތްދޭ ފަރާތުގެ ބެލުމުގެ ދަށުން އެތަންތަނުން އަންގާ ގޮތުގެ މަތީންނެވެ. މިގޮތަށް އިޤުރާރުވެފައިވީ ނަމަވެސް ފެނަކަ ކޯޕަރޭޝަން މަޑަވެލީ ބްރާންޗުގެ ޣައިރު ހާޒިރުގައި މަގުކޮންނަމުންދާކަން ފެނަކައިންވަނީ މަޑަވެލީ ކައުންސިލަށް އަންގާފައެވެ.

ފެނަކަ ކޯޕަރޭޝަން މަޑަވެލީ ބްރާންޗުން އެރަށު ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަންއަށް މަގުކޮނުމުގެ ހުއްދަދީފައިވާއިރު، އަގަބަހުން އެވާހަކަ ބުނެފައިވީ ނަމަވެސް އެކުންފުންޏަށް ރަސްމީކޮށް އެކަން އަންގާފައިނުވާކަމަށެވެ. ފެނަކައިން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މަގުކޮނުމުގައި ކޭބަލްތައް ކެޑުމުން އާދައިގެ ޖޮއިންޓްކޮށް އެކަންތައް ރަނގަޅުކޮށްފައިނުވާ ކަމަށާއި، ހަދާ ޖޮއިންޓުތަކުގެ ބިލްކުރުމަށް ބޭނުންވާ ކުންފުނީގެ މައުލޫމާތު ހިއްސާކުރަން އެދުމުން އެކަންވެސް ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މަސައްކަތް ފެށުނުއިރު އެއްބަސްވުމުގައިވާގޮތަށް ޑިޑަކްޓަރުނެތި ކޯރުކެޑުން އަދި މިމަސައްކަތާއި ގުޅޭ އެގްރީމެންޓުގެ ކޮޕީއެއް އެކުންފުންޏަށް ލިބިފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ފެނަކައިން މިކަން އެންގުމާއި ގުޅިގެން މަޑަވެލީ ކައުންސިލުން ބެލިބެލުމުން އެސްޖޭ ކޮންސްޓަރްޝަންއިން އެގްރީމެންޓާ ޚިލާފަށް މަސައްކަތް ކުރިޔަށް ގެންދާކަން ފާހަގަކުރެވިފާއިރު މަގުކޮނެފައި އެތާގައި ހުންނަ ފެން ކައިރީ ފަޅުގޯތިތަކަށް އަޅަމުންދަނީ އެގޯތިތަކުގެ ވެރިންގެ ހުއްދަނެތިކަންވެސް ވަނީ ފާހަގަކުރެވިއެވެ. އެހެންކަމުން މި މައްސަލަތަކަށް ބެލުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ވެފައިވާ ކޮންޓްރެކްޓާ ޚިލާފަށް، މަޑަވެލީގައި މަގުކޮންނަމުންދާތީ، މަގުކޮންނުމަށް އެމީހުންނަށް ދީފައިވާ ހުއްދަ ކައުންސިލުންވަނީ ބާތިލްކޮށްފައެވެ.