މަނީ ލޯންޑަރިންގްގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ދަމަހައްޓައި، ހައި ކޯޓުން ބުރާސްފަތި ދުވަހު ނިންމި ނިންމުން ބަލައިނުގަތުމަށާއި، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ސީދާ ހަރަކާތަށް ނުކުތުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ޕްރޮގްރެސިވް ކޯލިޝަންގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި، ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައި ގަރާރެއްހުށަހެޅުއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ތެރެއިން ހުކުމް ދަމަހައްޓަން ތާއީދުކުރި ދެ ފަނޑިޔާރުންގެ ރައުޔަށް ބެލުމުން އެއީ އެ ދެ ފަނޑިޔާރުންގެ މިނިވަން ރައުޔެއް ނޫންކަން އެނގޭ ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔަމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ދިގުލައިގެން ގޮސްފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ ނުފޫޒު ވަދެގެން ގަބޫލުކުރާ ކަމަށެވެ. އަދި ހައިކޯޓުން ހުކުމް އިއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މައްސަލަ ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުތައްވެސް ފަހަނައަޅައި ދިޔަ ފަހުންކަން ވެސް އަބްދުއްރަހީމްގެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
އިތުރަށް އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ސަރުކާރުގެ ނުފޫޒާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މި ސަބަބުތަކާ ހުރެ މި ހުކުމަކީ އެ ޕާޓީން ބަލައިގަންނަ ހުކުމެއް ނޫންކަމަށާއި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ސީދާ ހަރަކާތަށް ނުކުތުމަށް ކޯލިޝަނުން ނިންމާފައިވާކަމަށެވެ.