އި އައްޑޫ ސިޓީގައި ފަރުތައް ރަޖިސްޓްރީކޮށް، މުރަކަތައް ދިރުވާ އާލާކުރެވޭނެފަދަ މެރިން ރިސާޗު އިންސްޓިޓިއުޓެއް ޤާއިމުކުރުމާއި، މަންތާ ޓްރަސްޓެއް ޤާއިމުކުރުމާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ޑައިވުން މަޝްވަރާކޮށްފިއެވެ.
މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި އައްޑޫ ޑައިވުން ވަނީ އައްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. މި ގޮތުން މި ބައްދަލުވުމުގައި އައްޑޫ ޑައިވުން ވަނީ ސައުތު ޕާމް ރިސޯޓު މޯލްޑިވްސްގެ އިތުރުން އައްޑޫ ސިޓީގެ ގެސްޓްހައުސްތަކަށްވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ޑައިވްކުރުމަށް އަންނަ ފަތުރުވެރިން ކަމުގައި ފާހަގަކޮށްފައެވެ.
ފީނުމަށް އަންނަ ފަތުރުވެރިންގެ އިތުރުންވެސް އައްޑޫގެ ރީތިކަން ބަލާލުމަށް އަންނަ ފަތުރުވެރިންވެސް ގިނަ ކަން ފާހަގަކޮށް އައްޑޫ ޑައިވުން ބުނީ އެފަދަ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ހެދުމަކީ މުހިންމު ކަމެއް ކަމުގައެވެ. އެގޮތުން އައްޑޫ ސިޓީގައި ޓޫރިސްޓް ބީޗެއް ހެދުމަށް އެންމެ އެކަށީގެންވާ ސަރަޙައްދަކީ ކޮބައި ކަމާމެދު މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާއިރު ބީޗް ތަރައްޤީ ކުރާއިރު، ބީޗާ ކައިރިން ބޭސިކް ޑައިވިންގ އާއި މޫދު ކުޅިވަރުތައް ދަސްކޮށްދެވޭނެ ފެސިލިޓީއެއް ޤާއިމްކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.