English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގިނަ އަވަށްތަކަކީ އެއްގަމުން ގުޅިފައިވާ އަވަށްތައްކެއްކަމަށާއި، އޭގެ ސަބަބުން ގޭންގްތަކަށް ފަސޭހަކަމާއެކު ރަށު ތެރޭގައި ދަތުރުކުރުމުގެ މިނިވަންކަން އޮތުމުގެ ސަބަބުން ފޭރުންފަދަ ކުށްތައް ގިނަވުމަކީ އަބަދުވެސް އޮންނަ ބިރެއް ކަމުގައި އައްޑޫ ސިޓީ މޭޔަރ ވިދާޅުވެއްޖެއެވެ

މޭޔަރ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ)ގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫގައި ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި

މިއަދު ހެނދުނު ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ ވިދާޅުވީ އަތޮޅުތަކުގައި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކާއި ކުށްތައް މަދުކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީން ލޯކަލް ކައުންސިލްތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތީ ވަރަށް އުފާކުރައްވާކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލައަކީ މުޖުތަމަޢުގައި ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ޚާއްޞަކޮށް ޓޫރިސްޓް ގެސްޓްހައުސްތައް ހިންގާ ރަށްރަށުގައި މާބޮޑަށްވެސް ސަމާލުކަން ދޭންޖެހޭ މައްސަލައެއް ކަމުގައިވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. މިއަދާއި ހަމައަށް އައްޑޫ ސިޓީގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން މިފަދަ އެއްވެސް ކަމެއް ހިނގާފައިވާ ނުވާ ކަން މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ. އައްޑޫ ސިޓީގައި ދިމާވާ އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން މޭޔަރ ވިދާޅުވީ، ހަރުކަށި ފިކުރުގެ ބައެއް މީހުން އައްޑޫގައިވެސް އެބަތިބި ކަމަށާއި، އެފަދަ މީހުން ގޭންގްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްތަކަކީ އައްޑޫ ސިޓީއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމުތަކެއް ކަން ފާހަގަކޮށް މޭޔަރ ވިދާޅުވީ، ރައްޔިތުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށާއި މަސްތުވާތަކެތީގެ ވަބާފަދަ އިޖުތިމާޢީ މައްސަލަތަކާ ގުޅޭގޮތުން ޒުވާނުންނާއި ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވާން ޖެހޭ ކަމުގައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މޭޔަރ ވަނީ އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާ ގުޅޭ މަޢޫލޫމާތުވެސް ޙިއްސާކޮށްފައެވެ. މިގޮތުން އައްޑޫ ސިޓީގެ ފަސް ޓޫރިޒަމް ޒޯނުން 2،000 ކޮޓަރިން 4،000 އެނދު އުފެދިގެންދާނެކަން ފާހަގަކުރައްވައި މޭޔަރ ވިދާޅުވީ، ކުށްތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާތީ، މިފަދަ ޕްރޮގްރާމްތަކެއް އައްޑޫ ސިޓީގައި ހިންގުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެން.އޯ.ޑީ.ސީގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް (ޖީ.އެމް.ސީ.ޕީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޕްރޮޖެކްޓް ސަޕޯޓް އޮފިސަރ، މިސްޓަރ ޖޯޝިއާ އާޓެޓާ ގޮންޒާލެޒް ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި، އައްޑޫ ސިޓީގައި ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭގޮތުން ޔޫ.އެން މޯލްޑިވްސް އާއި މަޝްވަރާކުރައްވާނެ ކަމަށެވެ.

ޔޫ.އެން.އޯ.ޑީ.ސީން އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކަކީ “ސަޕޯޓް ޕްރޮގްރާމް ޓު މޯލްޑިވްސް އޮން ކައުންޓަރ-ޓެރަރިޒަމް” މަޝްރޫޢުގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތަކެކެވެ. އަދި މި ޕްރޮގްރާމްތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތައް ހިންގާ ރަށްތަކަށެވެ.