English Edition
Dhivehi Edition

ހަމައެކަނި ފައިސާގެ ބޭނުމުގައި ވެސް ފިލްމުތަކެއް ކުޅުނު ކަމަށާއި އެ ވާހަކަދައްކަން ޖެހިލުން ނުވާކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަނިލް ކަޕޫރު ބުނެފިއެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ދިރިއުޅުމުގައި ދިމާވި ދަތިދުވަސްތަކުގެ ވާހަކަ ހިއްސާކުރަމުން އަނިލް ބުނީ އާއިލާ އަށް ކުރިމަތިވި ވަރަށް ދަތި ވަގުތުތަކުގައި ފައިސާ ހޯދަން މަޖުބޫރުވެގެން ހަމައެކަނި ފައިސާގެ ބޭނުމުގައި ވެސް ފިލްމުތަކެއް ކުޅުނު ކަމަށެވެ. އާއިލާއަށްޓަކައި ކުރަން ޖެހޭ ކަމަކަށް ދުވަހަކު ވެސް ފަސްނުޖެހޭނެކަން ހާމަކުރަމުން އަނިލް ބުނީ އޭނާ އަކީ އަބަދު ވެސް އާއިލާ ދެކެ ވަރަށް ލޯބިވާ އަދި އާއިލީ ޒިންމާތައް ހަނދާން ނައްތާނުލާ މީހެއް ކަމަށެވެ.

މާލީ ގޮތުން ދަތިވާ ދަނޑިވަޅުތަކުގައި ވެސް އާއިލާއަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަބަދުވެސް ސާބިތުވެ ހުންނާނެކަން ފާހަގަކުރަމުން އަނިލް ބުނީ އޭނާގެ ބޭބެ ބޯނީ ކަޕޫރް ޕްރޮޑިއުސްކުރި ފިލްމު “ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ” އަށް މާލީ ގޮތުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނުކަމަށެވެ. ސްރީދޭވީ އާއި އަނިލް ކުޅެފައިވާ މި ފިލްމު ރިލީޒްނުކުރެވި ވަރަށް ގިނަ ދުވަސްތަކެއް ވުމަށް ފަހު، 1993ވަނަ އަހަރު ފިލްމު ގެނެސްދެވުނު އިރު އާއިލާ އޮތީ ވަރަށް ބޮޑު ތާށިކަމެއްގެ ތެރޭގައިކަމަށް އަނިލްވަނީ ބުނެފައެވެ.

އިތުރަށް އަނިލް ބުނީ އޭނާ އަކީ އާއިލާ އަށް ދިމާވާ ކަންކަމުގައި ކުރަން ޖެހޭ ކަންކަން ކުރަން އެއްވެސް އިރެއްގައި ދެވަނަ ވިސްނުމަކަށްދާނެ މީހެއް ނޫންކަމަށާއި އެ ވަގުތު ފައިސާ ހޯދެން އޮތް ގޮތަކަށް އޭނާ މަސައްކަތް ކުރާނެކަމަށެވެ. މި ގޮތުން ހަމައެކަނި ފައިސާގެ ބޭނުމުގައި ފިލްމު ކުޅެން މަޖުބޫރިވި ކަމަށާއި ފައިސާގެ ބޭނުމުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި އަންދާޒް (1994) އާއި ހީރު ރާންޖާ (1992) ހިމެނޭކަމަށް އަނިލްވަނީ ބުނެފައެވެ.

މިހާރުވެސް ބޮލީވުޑްގައި އެފަދަ ދެވަނަ އެއް ނެތް އަނިލް ކަޕޫރަށް ކާމިޔާބީއާއި ހަމައަށް އާދެވުނީ ވަރަށް ހިތްވަރުންކަން އޭނާގެ ވާހަކަތަކުން އެގިގެން ދިޔައިރު މިހާރު އޭނާއަކީ ބޮލީވުޑްގެ ތަރިންތަކުގެ ތެރޭގައި އެންމެ މާލީ ގޮތުން ފުދިގެން އުޅޭ އެއް ފަންނާނެވެ. އޭނާގެ ތިން ދަރިންކަމަށްވާ ފިލްމީ ތަރި ސޯނަމް ކަޕޫރާއި ހާޝްވަރްދަން ކަޕޫރް އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރްވެސް ފިލްމީ މަސައްކަތުގައި ކާމިޔާބީތައް ހާސިލްކުރަމުން އަންނައިރު އަނިލްއަކީ މިހާރު ފިލްމު ކުޅުމުގެ އިތުރަށް ފިލްމުތައް ޕްރޮޑިއުސް ކުރާ ފަންނާނެކެވެ،

ނެޝަނަލް އެވޯޑް ދެ ފަހަރު ކާމިޔާބުކޮށް، ފިލްމު ފެއަރ އެވޯޑް ހަފަހަރަށް ކާމިޔާބުކޮށްފައިވާ އަނިލް ކަޕޫރު ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މިސްޓަރ އިންޑިއާ(1987), ބެޓާ(1992) މެރީ ޖަންގް، ޔުދް، ތާލް، ޕުކާރް ފަދަ ފިލްމުތައް ހިމެނެއެވެ.