English Edition
Dhivehi Edition

އިއްޔެ އަކީ ފުވައްމުލައް ސިޓީއަށް ކަޅު އަދިރި، ހިތާމަވެރި ދުވަހެކެވެ. ވިލެއް ފަޅެއް ނޯންންނަ ފުވައްމުލަކުގެ މޫދަށް މީގެ ކުރިންވެސް އެތައް ބަޔަކު ގެނބިގެން މަރުވެފައިވާއިރު އެ ސިޓީއަށް އިއްޔެގެ އިރުއޮއްސުނީވެސް މި ފަދަ ހިތާމަވެރި އިތުރު މަރަކާއެކުގައެވެ. ފުވައްމުލަކު ސްކޫލުގެ ގްރޭޑް10 ގައި ތައުލީމު ހާސިލުކުރަމުންދާ، ދޫނޑިގަން، ޔޫރޯ އަހްމަދު ފައުޒަން (17އަހަރު) މާނެރު ސަރަހައްދު މޫދަށް ގޮސްއުޅެނިކޮށް ގެއްލުނު ހަބަރާއެކު މުޅި އެ ސިޓީއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ، ހޯދަނޑު އަވަށާއި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު އަތިރިމައްޗަށް އެއްވެ ފައުޒަން ހޯދުމުގެ މަސައްކަތް ފެށިގެން ދިޔައީ ވަރަށް ވެސް އަވަހަށެވެ.

ފައުޒަން ގެއްލުނު ޚަބަރާއެކު ރަށުގެ ރައްޔިތުން މާނޭރަ ސަރަހައްދަށް އެއްވެފައި: ފޮޓޯ އޭއޯ ނިއުސް

ފައުޒަންއަކީ ދުވުމާއި ފެތުމަށް އަދި ކުޅިވަރުގައި ނަން ހިނގާ މޮޅު ކުއްޖެކެވެ. އޭނާ ދަންނަ ކޮންމެ މީހަކުވެސް ބުނަނީ އެއް ވާހަކައެކެވެ. އެއީ ހިތްހެޔޮ އޯގާތެރި ރައްޓެއްސެއްކަމުގައެވެ. އިއްޔެ ފައުޒަން ގެއްލުނީވެސް ރައްޓެހިން ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައެވެ. އެ ހާދިސާ ހިނގި ގޮތް ކިޔައި ދެމުން ގެނބެމުން ދަނިކޮށް ފައުޒަން ސަލާމަތްކުރި އަންހެންކުއްޖެގެ ބޭބެ ވަނީ އޭނާގެ ކޮއްކޮ ސަލާމަތްކޮށް ފައުޒަން ދެއްކި ހިތްވަރަށް ސާބަސްދީފައެވެ. އަދި ފައުޒަންއަކީ ‘ހީރޯ’ އެއްކަމަށް ސިފަކުރަމުން އޭނާ ވަނީ އެ ހާދިސާ ހިނގިގޮތް އޭއޯ ނިއުސް އާއި ހިއްސާކޮށްފައެވެ.

“ފައުޒަންމެން ދާނެ ކޮންމެ ދުވަހަކުވެސް ދުވަން. ދުވަން ގޮސް އުޅުމުގެ ތެރޭގައި އަޅުގަނޑުގެ ކޮއްކޮ އަށްވެސް ފައުޒަން އެނގުނީ. ދުވަންދާ ހުރިހާ ކުދިންވެސް އުޅެނީ ވަރަށް އެކުވެރިކޮށް. ދެން މިއަދަކީ ސްކޫލު ހުޅުވޭ ދުވަސްކަމުން އެ ކުދިން ޕްލޭން ކުރީ އިއްޔެ ދުވަން ނުގޮސް މޫދަށް ދާން. އެމީހުން އަތިރިމައްޗަށް ދިޔައިރުވެސް ކަނޑުއޮތީ ވަރަށް މަޑުކޮށް. އެކަމަކު އެއީ ދިޔަވަރު ހިކުމަށްފަހު، ބޮޑުވާ ގަޑިކަމުން ރާޅުތައް ބޮޑުވާން ފެށުމުން އެތާ ތިބި އަންހެން ކުދިން ބުނެފި ދިޔަވަރު ބޮޑުވަނީއޭ. އެހެންވީމަ އެމީހުން މޫދަށް ނޭރޭނީއޭ. ބުނީމަ ފައުޒަން އެ ކުދިން ގާތު ބުނީ ތިމީހުން ބިރު ނުގަންނާށޭ. މިތަނުން އޮޔާއެކު ތިމީހުން ދަމައިގެން ދިޔަޔަސް އަހަރެމެން ތި މީހުން ސަލާމަތްކުރާނަމޭ. ދެން އެތާ ހުރި ފިރިހެން ކުއްޖާއަށް އިޝާރަތްކޮށް ފައުޒަން ބުނީ ދަމައިގެން ދަންޏާވެސް ދާނީ އަހަރެމެންނޭ. ތި މީހުން ދަމައިގެން ދިޔަ ނުދޭނަމޭ. އެހެން ކިޔައިގެން އެ ދެ އަންހެންކުދިންނާއި މި ދެ ފިރިހެން ކުދިން މޫދަށް އެރުނީ.” އެ ފަރާތުން ބުންޏެވެ

ފައުޒަން ގެއްލުނު ޚަބަރާއެކު ރަށުގެ ރައްޔިތުން މާނޭރަ ސަރަހައްދަށް އެއްވެފައި: ފޮޓޯ އޭއޯ ނިއުސް

ކުޑަކޮށް ރާޅުތައް ބޮޑުވާން ފެށުމުން ފައުޒަން އާއި ދެން ހުރި ފިރިހެން ކުއްޖާ އެރީ ފަރު މައްޗަށެވެ. އޭރު މި ދެ އަންހެން ކުދިން ތިބީ މި މީހުންނާއި ތަންކޮޅެއް ދުރުގައެވެ ކުއްލިއަކަށް ނެގި ވަރަށް ބޮޑު ރާޅެއްގައި މި ދެ އަންހެން ކުދިން ދަމައިގަތުމުން މި ދެކުދިން ސަލާމަތްކޮށްދިނުމަށް އެދި ފައުޒަންމެންނަށް ގޮވަން ފެށިއެވެ، ދެ އަންހެން ކުދިން ރާޅާ އެކު ބޭރަށް ދަމައިގަތް މަންޒަރު ފެނުމާއެކު އެ ދެކުދިން ސަލާމަތްކުރުމަށް ފައުޒަންމެން އަވަސްވެގަތެވެ.

” އެ ދެކުދިން ސަލާމަތް ކުރަން އުޅެނިކޮށް އެތަނުން އެއް ފިރިހެން ކުއްޖެއްގެ އަތުގައި އެތަނުން އެއް އަންހެން ކުއްޖަކު ޖެހުނީ. އޭނަ ވަރަށް މަސައްކަތުން އެ ކުއްޖާ ފަރު މައްޗަށް ނަގައިފި، އޭރު ފައުޒަން މަސައްކަތްކުރަމުން ދިޔައީ ދެން ހުރި ކުއްޖާ ސަލާމަތްކުރަން. އޭރުވެސް ދެން ހުރި ކުއްޖާ އޮޔާ އެކު ބޭރަށް ދަމައިގެން ދަނީ. ފައުޒަން އޭނާގެ އެކުވެރި ފިރިހެން ކުއްޖާ ކައިރީ ބުނީ އޭނަ ނުދިޔަޔަސް އެންމެ ރަނގަޅޭ. ސަލާމަތްކުރެވުނު އަންހެން ކުއްޖާ ގޮވައިގެން މައްޗަށް އަރާށޭ. ތިމަންނަ ދެން ހުރި ކުއްޖާ ސަލާމަތްކޮށްގެން މި އަންނަނީ އޭ. ދެން ފައުޒަންވެސް ފަރުމަތިން ފުންމާލާފަ އެ އަންހެންކުއްޖާ ސަލާމަތްކުރަން ދިޔައީ.”

ފައުޒަން އަށް އެ ކުއްޖާ ގައިގައި ހިފަހައްޓާލެވުނު އިރު އެތާ އޮއިގަދަކަމުން އެމީހުންވެސް ރާޅާއެކު އަޑިއަށް ދަނީއެވެ، ރާޅާއެކު ދަމުންދަމުން ގޮސް އެތާ އޮތް ފަރެއްގެ މައްޗަށް އެމީހުންނަށް އެރުނީ ވަރަށް މަސައްކަތުންނެވެ.އެ ބިރުވެރި ވަގުތުވެސް ފައުޒަން އެކުވެރިޔާ ސަލާމަތްކުރުމަށް އެކުއްޖާ ހިއްލާލައިގެން ހުރިއިރު ވެސް އޭނާ އެކުވެރިޔާއަށް ހިތްވަރު ދެމުން ދިޔައެވެ،

ފައުޒަން ގެއްލުނު ޚަބަރާއެކު ރަށުގެ ރައްޔިތުން މާނޭރަ ސަރަހައްދަށް އެއްވެފައި: ފޮޓޯ އޭއޯ ނިއުސް

” އެ އަންހެން ކުއްޖާ ގާތު ބުނަމުން ދިޔަ. ހާސްނުވާށޭ އެކުވެރިޔާއަށް އެއްވެސް ކަމެއް ވިޔަކަނުދޭނަމޭ. އެކުވެރިޔާ ސަލަމާތްކުރާނަމޭ. ފައުޒަންމެން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދަނިކޮށް ވަރަށް ބޮޑު ރާޅެއް ނެގީ. އެހާ ހިސާބުން ފައުޒަންގެ އަތުން އޭނާގެ އެކުވެރިޔާ ދޫވެ ރާޅާއެކު އެކުވެރިޔާ ދިޔައީ ފައިޖެހޭ ހިސާބަށް. އޭނަ ވަގުތުން އަޑިއަށް ގޮސް ބެލިއިރު ފައުޒަން މަޑުމަޑުން އަޑިއަށް ދިޔަ މަންޒަރު ފެނުނީ. ދެން އެހާ ހިސާބުން އޭނަވެސް ޝޮކެއްގައި ހުއްޓާ އެމީހުން ސަލާމަތްކުރަން އައި މީހާއަށް އެ އަންހެންކުއްޖާ އަތުގެ އިޝާރާތުން ދެއްކީ ފައުޒަން ގެނބެމުން ދިޔަ ސަރަހައްދު.”

އެ އަންހެންކުއްޖާގެ ލޯކުރިމަތީގައި އެކުވެރިޔާ ގެނބިގެން ދިޔަ މަންޒަރު ފެނުމުން އޭނާއަށް ވާހަކައެއްވެސް ނުދެއްކުނެވެ. ފައުޒަން ގެނބުނު ދިމާލަށް އިނގިލި ދިއްކޮށްލައިގެން ގަނބުވެފައި ހުރީއެވެ. ފައުޒަން ފެނުނީވެސް އެ އަންހެންކުއްޖާ އިނގިލި ދިއްކޮށްގެން ހުރި ދިމާލު މޫދު އަޑިންނެވެ.

ފައުޒަން ގޮވައިގެން އެމްބިޔުލަންސްގައި ހޮސްޕިޓަލަށް ދަނީ: ފޮޓޯ އޭއޯ ނިއުސް

ކޮންމެ މީހަކުވެސް ފައުޒަން ހެޔޮހާލުގައި ފެނުމަށް އެދި ދުޢާކުރަމުން ދިޔައިރު ފައުޒަންގެ ހަށިގަނޑު މޫދުގެ އަނޑިން ފެނުނީ 5:45 ހާއިރުގައެވެ. ފައުޒަން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއިރު އޭނާގެ ހާލު ވަރަށް ދެރައެވެ. އެންމެންވެސް ދުޢާކުރަމުން ދިޔައީ އޭނާ އަށް އަވަސް ޝިފާއެއް ދެއްވުން އެދިއެވެ. އެހެންނަމަވެސް 6:45 ހާއިރު ފައިޒަން މިދުނިޔެ ދޫކުރީ އާއިލާ އާއި އެކުވެރިން އަދި މުޅި ރަށް ރޮއްވާފައެވެ.

ފައުޒަންގެ އާއިލާއާއި ގާތްތިމާގެ މީހުން ހޮސްޕިޓަލުގެ ބޭރުގައި: ފޮޓޯ އޭއޯ ނިއުސް

މީގެކުރިންވެސް ހިތާމަވެރި ގިނަ ހާދިސާތައް ހިނގާފައިވާ މާނެރު ސަރަހައްދަށް ގެނބިގެން ނިޔާވި ފައުޒަން އަކީ ހަގީގަތުގައިވެސް ބަތަލެކެވެ. އޭނާ ބުނި ގޮތަށް އޭނާ މި ދުނިޔެއާއި ވަކި އެވީ އޭނާގެ އެކުވެރިންގެ ފުރާނަ ސަލާމަތްކޮށްދީފައެވެ. މީގެ ތިން ދުވަސްކުރިން އޭނާގެ ފޭސްބުކްގައި ގައި ޕޯސްޓްކޮށްފައިވެއެވެ. “އޭނާގެ ކުއްލި މަރުގެ ހަބަރު އަޑުއިވިއްޖެނަމަ އޭނާއަށް މައާފްކޮށްދީ ހެޔޮ ދުޢާކޮށްދޭށެވެ”

.މާތް ﷲ ފައުޒަންގެ ފާފަފުއްސަވައި ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަތް ދެއްވާށި، އާމީން