English Edition
Dhivehi Edition

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ވިކީ ކައުޝަލް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް އެކަމަށް ބާރު ލިބޭ މާ ބޮޑު ހެއްކެއް މީޑިއާތަކަށް ލިބިފައެއް ނުވެއެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ދުވަހަކުވެސް، ވިކީ އާއި ކެޓްރީނާ އެކުގައި އެއްވެސް ހާއްސަ ހަފްލާއަކުން ފެނިފައެއް ނުވެއެވެ. މިހާ ދުވަސްވިއިރު ވެސް ދެމީހުންގެ ސޯޝަލް މީޑިއާ ޕޯސްޓަތަކުން މިކަން ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. އެހެންނަމަވެސް މި ފަހަރު އާ އަހަރު ފާހަގަކުރުމުގެ ތެރެއިން ކެޓްރީނާ ނަގާފައިވާ ފޮޓޯ އެއް ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު. ‘އޮޅިގެން’ މި އޮތީ އެ ދެމީހުންގެ ސިއްރު ގުޅުން ހާމަވެފައެވެ.

ކެޓްރީނާ އިންސްޓަގްރާމު މެދުވެރިކޮށް އޭނާގެ ކޮއްކޮ އިޒަބެލްއާއެކު ނަގާފައިވާ ފޮޓޯއެއްް ހިއްސާކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން އަތުލީ އެމީހުންގެ ފަހަތުން ފެންނަ ބިއްލޫރިގަނޑުން ފެންނަހުރި ވިކީއެވެ. މި މަހުގެ 02 ވަނަ ދުވަހު ކެޓްރީނާ މީޑިއާއަށް ދޫކޮށްލި މި ފޮޓޯ އާއި އެކު އެދެމީހުން އާ އަހަރު ފާހަގަކޮށްފައިވަނީ އެކުގައިކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު، އެންމެންނަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ކެޓްރީނާ އެ ފޮޓޯ އިންސްޓަގްރާމުން ޑިލީޓްކޮށްލުމުންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކެޓްރީނާ އެ ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލިއިރު އެ ފޮޓޯއިން ވިކީ ފެންނަކަމެއް ނޭގެއެވެ. އެހެންނަމަވެސް އެ ފޮޓޯ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓި ކެޓްރީނާއަށް އެކަން އެގުމާއެކު އެ ފޮޓޯ ޑިލީޓްކޮށްލީ އެމީހުންގެ ގުޅުން މީޑިއާ އަށް އަދި ހާމަކުރަން ބޭނުންނުވާތީ ކަމަށްވެސް އޭނާގެ ފޭނުން ވަނީ ބުނެފައެވެ. ކޮންމެއަކަސް ކެޓްރީނާއަށް ނޭގި ސޯޝަލް މީޑީއާއަށް ދޫކޮށްލެވުނު ފޮޓޯ އާއި އެކު އޭނާ އާއި ވިކީގެ ކޮންމެވެސް ހާއްސަ ގުޅުމެއް އޮންނަކަން މިހާރު ޔަގީންވެފައިވާއިރު މި ފޮޓޯ އަކީ އެ ދެމީހުން ރައްޓެހިވެގެން އުޅޭކަމަށް ދައްކަމުންދާ ވާހަކައަށްވެސް ލިބުނު އިތުރު ބާރެކެވެ.

ޓެގު