English Edition
Dhivehi Edition

ރާއްޖޭގެ ދެކޮޅަށް ޓުވަރިޒަމް ގެންނަވަން ރައީސް ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ޓުވަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

‘ޒެން މީދޫ’ ހުޅުވައި ދެއްވުމަށްފަހު، ވާހަކަދައްކަމުން މައުސޫމު ވިދާޅުވީ ރާއްޖޭގެ ދެކޮޅަށް ޓުވަރިޒަމް ގެންނަވަން ރައީސް ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި އެއް ސަބަބަކީ މިހާރު އޭގެ ޒާތުގައި މާލެ ސަރަހައްދު ފުރިފައިވުންކަމަށެވެ. “އަޅުގަނޑުމެން އާ ރަންވޭއެއް ދަމާލިޔަސް އަދި އާ ޓާމިނަލެއް ހެދިޔަސް އެ ސަރަހައްދުގައި ޓުވަރިޒަމް ގެންގުޅެވޭ ވަރަށް ވުރެ މާ ބައިބޯވެއްޖެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަތުރުވެރިކަމުގެ ރަން އަހަރު، 2022 ގައި ރާއްޖެއަށް ގެންނަން މި އަމާޒު ހިފާފައިވާ ހުރިހާ ފަތުރުވެރިންނަކަށް އެ ސަރަހައްދަކަން ނާދެވޭނެ” މައުސޫމު ވިދާޅުވިއެވެ.

ރައީސް ސޯލިހްވެސް ބޭނުންފުޅުވަނީ ރައްޔަތުންގެ ޖީބަށް ޑޮލަރު ވަންނަ ގޮތަށް ފަތުރުވެރިކަމުގެ ފައިދާ ރައްޔަތުންނާއި ހިސާބަށް އަންނަ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފަތުރުވެރިކަން ގެންދަންކަމަށެވެ. “އެހެންކަމުން އައްޑޫ ސިޓީ އަށާއި ތިލަދުންމައްޗަށާއި މެދު ރާއްޖެތެރޭގެ ތަންތަނަށްވެސް އެނދުތައް ފުޅާ މިކުރަނީ. ” މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ހުރީ ފަންސާސް އެއްހާސް އެނދުކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކޮވިޑް19 ގެ ހިތާމަވެރި ދުވަސްތަކަށްފަހު މިހާރު %85 އެނދު ހުޅުވިފައިވާކަމަށާއި އާ އަހަރު ފެށިގެން މިވީ ތިން ދުވަހު އެވްރެޖްކޮށް ދުވާލަކު ރާއްޖެއަށް 3456 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާކަމަށް މައުސޫމުވަނީ ވިދާޅުވެފައެވެ.