English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ޓޫރިޒަމަށް ދެމުންދާ އެހީތެރިކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ހިފެހެއްޓުމެއް ޝުކުރު އަދާކުރައްވައިފި އެވެ.

އަންނަ 2022 ވަނަ އަހަރަށް ނެރުނު ކަލަންޑަރި އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާ ކުރިއަށް ގެންދިޔަ “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕެއިނުގައި އުރީދޫ އިން އަދާކުރި ހިއްސާ ވަރަށްބޮޑު ކަމަށެވެ.

“ފަތުރުވެރިން ރާއްޖެ އައިސް ފުރަންޖެހޭ ޑިޖިޓަލް ލިޔެކިޔުންތަކުގެ އަދަދު ގިނަ. އެ މަސައްކަތް ހަލުވިކޮށް އަވަސްކުރުމަށް އެއަރޕޯޓުގެ އިންޓަރނެޓު ކެޕޭސިޓީ އިތުރު ކުރުމަށް އުރީދޫ އިން ވަރަށްބޮޑު މަސައްކަތްތަކެއް ވަނީ ކޮށްދީފަ. ވޯކޭޝަން ނުވަތަ ޗުއްޓީ ހޭދަކުރުމަށާއި މަސައްކަތަށް ދަތުރުކުރާ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުން. މިއާއެކު ޓެލެކޮމް ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރަން މިއީ ރަނގަޅު ފުރުސަތެއް.” ޑރ. މައުސޫމް ވިދާޅުވި އެވެ.

2022 ވަނަަ އަހަރަށް ޚާއްސަކޮށް އުރީދޫ އިން ނެރުނު ކަލަންޑަރަށް ތައުރީފު ކުރައްވާ ޑރ. މައުސޫމް ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އުރީދޫ އިން ދިން މުހިއްމު ކޮންޓްރިބިޔުޝަނެއް ކަމަށެވެ. އަދި މި ކަލަންޑަރުން ވެސް އެނގެނީ ޓެކްނޮލަޖީއަށް އަންނަ ކުރިއެރުންތަކާއެކު ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކުން ވެސް ކުރިއަރަމުންދާކަން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގައި އުރީދޫއަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ހިއްސާކުރައްވާފައިވާ މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވި އެވެ.

އުރީދޫ އިން އަންނަ އަހަރަށް ޚާއްސަކޮށް ނެރެފައިވަނީ އޭއާރު ޓެކްނަޖީ ބޭނުންކޮށްގެން ކަނޑު އަޑީގެ މަންޒަރުތައް ދައްކައިދޭ ކަލަންޑަރެކެވެ.