English Edition
Dhivehi Edition

ހުވަދު އަތޮޅަށްވެސް ސަރުކާރުގެ ގިނަ ސިޔާސަތުތަކެއް އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އަމާޒަކީ ހުވަދު އަތޮޅުގައި 8،000 އެނދު ޤާއިމްކުރުން ކަމަށެވެ.

ރިސޯޓް ހަދަން ސަރުކާރުން އެންމެ ފަހުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހުވަދު އަތޮޅުގެ ހަތަރު ރަށް ހިމެނޭކަން ފާހަގަކުރައްވާ މިިނިސްޓަރ ވިދާޅުވީ މިހައިތަނަށް ތިން ރަށެއްގެ ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

“އެއީވެސް ހުވަދު އަތޮޅުގެ ފަތުރުވެރިކަމަށް ކުރިއެރުމެއް ކަމަށް ގަބޫލުފުޅު ކުރައްވާ. ރިސޯޓް ހަދަން ސަރުކާރުން އެންމެ ފަހުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހުވަދު އަތޮޅުން ހިމެނެނީ ގއ. މާރެހާ، ގއ. ފުނަދޫ ވިލިނގިއްލާ އާއި، ގދ. ކަނޑަހަލަގަލާ އަދި ގދ. ފެރޭތަ ވިލިގިއްލާ.” ޑރ. މައުސޫމް ވިދާޅުވިއެވެ.

ހުވަދު އަތޮޅު ދެކުނުބުރި އާއި ހުވަދު އަތޮޅު އުތުރުބުރީގެ ދާއިރާތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ހުވަދު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތްތަކާއި މެދު ސުވާލުކުރައްވާ، އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށްބުނެ ނުރުހުން ފާޅުކުރައްވަމުން ގެންދަވާތީ ޑރ. މައުސޫމް ވިދާޅުވީ ސަރުކާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި އިސްމަގާމުތައް އަދާކުރައްވާފައިވާ ޑރ. މައުސޫމް ވިދާޅުވީ ހުވަދު އަތޮޅަކީ ބޮޑު އަތޮޅަކަށްވީނަމަވެސް އެ އަތޮޅުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދިއްޖެނަމަ މިހާރަށް ރަނގަޅަށް އެ އަތޮޅަށް ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށެވެ.