މިއަހަރު ޓުވަރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވާ އެއްކަމަކީ އައްޑޫ ސިޓީ އިން ވަޒީފާ ގެއްލުނު ހުރިހާ މީހުންނަށް ވަޒީފާ ލިބޭނެ ގޮތަކަށް ވިހާވެސް އަވަހަކަށް ހެރެތެރެ އަދި ޝަންގްރިއްލާ ހުޅުވޭތޯ ބެލުންކަމަށް ޓުވަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވީ ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސީން ބޭނުންކުރި ބްރިޓިޝް ލޯޔަލްޓީ ތެޔޮ ޓޭންކަރު ފައްތާލި ހާދިސާއަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫސިޓީގައި ބާއްވާ ޑައިވިން ހަރަކާތުގައި ބައިވެރިވުމަށް އައްޑޫ އަށް ކުރައްވާ ދަތުރުފުޅުގައި މީދޫއަށް ވަޑައިގެން ‘ޒެން މީދޫ’ ހުޅުވައި ދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.
މި ހަފްލާގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ހެރެތެރެ އަދި ޝަންގްރިއްލާ ރިސޯޓްގެ ކަންތައްތައް މިއަހަރު ކޮންމެވެސް ގޮތަކަށް ނިންމަވާނެކަމަށެވެ. “ވަރަށް ފޯރީގައި އަޅުގަނޑުމެން މަސައްކަތްކުރަން. އިރާދަކުރެއްވިއްޔާ މި އަހަރުތެރޭ އެ ދެ ރިސޯޓުގެ ކަންތައް ކޮޅަކު ޖައްސާނަން. އަޅުގަނޑު ވަރަށް ބޭނުން ސީދާ ތާރީހެއް ދަންނަވަން. އެކަމަކު ތާރީހެއް ނުދެވެނީ ދެކަމެއް އެއްކޮށް ހިނގާތީ. އެއްކަމަކީ މަތިންދާ ބޯޓު އުދުއްސުން. ” މައުސޫމް ވިދާޅުވިއެވެ.
އިތުރަށް މައުސޫމް ވިދާޅުވީ ގަން އިންޓަނޭޝަނަލް އޭއާޕޯޓްގައި މިހާރު ފުރާލާފައި ތިބި ޖެޓުތަކުގެ އުފާ ސީދާ ރައްޔަތުންނަށް ލިބިގެން ދާނީ އިތުރު އެނދުތައް ހެދި އަދި އިންޓަނޭޝަނަލް އޭއާޕޯޓާއި އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސިގެންކަމަށެވެ.” އަޅުގަނޑުމެންގެ ޓީމުން އެހެން މުއައްސަސާތަކާއެކު މަސައްކަތްކުރަނީ. އިރާދަކުރެއްވިއްޔާ ޝެޑިއުލްޑް ޕޮއިންޓު ޕޮއިންޓު ނުވަތަ ޗާޓާ ބޭސްޑް ފްލައިޓްތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ މި ސަރަހައްދު ހަމައެކަނި އައްޑޫ ސިޓީއަކުން ނުވޭ. ފުވައްމުލަކާއި، ހުވަދޫގެ އެނދުތައް އެއްކޮށްލައިގެން 6000 އެނދު ލިބުމުން އަޅުގަނޑުމެންނަށް އެކަށީގެންވާ ގޮތަށް ފީސިބަލްކޮށް ފްލައިޓްތައް އުދުއްސޭނީ” މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން މައުސޫމު ވިދާޅުވީ މިކަންތައްކުރުމަށް އެންމެ މުހިއްމުކަމަކީ އައްޑޫ ސިޓީގައި ތިބި މި ދާއިރާގެ މީހުން މަސައްކަތްކުރުންކަމަށެވެ.