English Edition
Dhivehi Edition

މި އަހަރު ތެރޭގައިވެސް އައްޑޫ ގައި ހިންގަމުން ދިޔަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހުޅުވިދާނެހެން ހީނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ގިނަ އަދަދެއްގެ ރައްޔިތުން މަސައްކަތްކުރަމުން ދިޔަ މި ރިސޯޓް ބަންދުކޮށްފައިވަނީ ކޮވިޑް19 އާއި ގުޅިގެންނެވެ. މި ރިސޯޓާއެކު ބަންދުކުރި ކެނެރީފް ރިސޯޓް މިހާރު ހުޅުވާފައިވާއިރު، އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ ޝަންގްރިއްލާ ބަންދުކޮށްފައި އޮންނަ އޮތުމާއި ގުޅިގެން ކަންބޮޑުވުންފާޅުކުރަމުންނެވެ.

ރާއްޖެ ޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މިނިސްޓްރު މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭނެ ތާރީހުތައް ނުރަސްމީކޮށް ލިބިފައިވާކަމަށާއި އެހެންނަމަވެސް ސީދާ ކަށަވަރު ނުވަނީސް އެގޮތަށް ލިބޭ ތާރީހުތައް ނުދެންނެވޭނެކަމަށެވެ.

ޝަންގްރިއްލާ ހުޅުވޭނެ ތާރީހު ދޭން އެންމެ ރަނގަޅު ވާނީ އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ކުރަން ހުރި މަރާމާތުތައް ކޮށް، މި އަހަރުގެ ތެރޭގައި ރިސޯޓު ހުޅުވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ރިސޯޓު ހުޅުވުމުގެ މަސައްކަތް ފަށާ ހިސާބުން ފެށިގެން އެކަމުގެ ހެޔޮ އަސަރު އައްޑޫގެ އިގްތިސާދަށް ކުރާނެ ކަމަށެވެ. އަދި މިހާރު ވެސް އެ ރިސޯޓު ހުޅުވަން މަސައްކަތް ކުރާތީ ކޮންމެވެސް ވަރަކަށް އެކަމުގެ ފައިދާ އައްޑޫގެ އިގްތިސާދަށް ކުރަމުން އަންނަ ކަމަށެވެ.