ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި ރާއްޖޭގައި ކުރިއަށް ގެންދާ މަސައްކަތްތައް ވިލަރެސް ކުރުމަށާއި އެހީ ހޯދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި ކޮމިޓީގެ އިސް ބޭފުޅަކަށް ހަމަޖައްސަވާފައިވަނީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުއެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީ އާއި އެހެންވެސް ބައެއް މިނިސްޓްރީތަކުން މި ކޮމެޓީގައިވަނީ ބައިވެރިވެފައެވެ .
އާދަމް ޝަރީފް ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަރަށް އަވަހަށް ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުގައި އެކައުންޓްތައް ހުޅުއްވާނެ ކަމަށެވެ. އަދ ފޯނު މެދުވެރިކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް، މިކަމަށް ޚާއްޞަ ކުރެވިފައިވާ ނަމްބަރު 1440 އަށް ގުޅުމުން އެހީތެރިކަން ލިބޭގެންދާނެ ކަމަށެވެ. އަދި ފައިސާ ސީދާ ރޮހިންޖާ މުސްލިމުންނަށް ލިބޭކަން ކޮމިޓީން ކަށަވަރުކުރާނެ ކަމަށްވެސް އާދަމް ޝަރީފުވަނީ ވިދާޅުވެފައެވެ.
ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޓެލެތޯން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ފެށުމަށް ނިންމާފައިވާއިރު މި ޓެލެތޯން 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. މިހާރުވެސް ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކުން ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު މި ހަރަކާތްތަކައް ބޭނުން ވާ އެހީތެރިކަންވެސް ކޮމިޓީން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.