ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ކުއްލި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެންނެވެ. އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، މިހާތަނަށް އެއްވެސް ދިވެއްސަކަށް މިކަމުގެ އަސަރު ކޮށްފައި ނުވާކަން ވަނީ ކަށަވަރުކުރެވިފައެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލްގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން އެހީތެރިކަމެއް ބޭނުންވާ މީހަކު ހުރިނަމަ، ވީއެންމެ އަވަހަކަށް ފޮރިން މިނިސްޓްރީއަށް ގުޅުމަށް ވަނީ އަންގާފައެވެ. އަދި އާއިލާތަކުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަވެސް އެ މިނިސްޓްރީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.
އެހީތެރިކަން ބޭނުންވާ މީހުން ގުޅުމަށް ހަމަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 7983400 އަށެވެ. މީގެ އިތުރުން ކޮންސިއުލަ އީމެއިލް މެދުވެރިކޮށްވެސް އެ މިނިސްޓްރީއަށް މެސެޖު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.