މާލޭގައި ހިންގަމުން އަންނަ “ބްލޫ ސެވަން” ރެސްޓޯރެންޓުގައި މިއަދު މެންދުރުފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެތަނުގައި ހުރި އަޅިކެނޑިއެއްގައި ރޯވެގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސަވިސްއަށް ލިބިފައިވަނީ މިއަދު 14:48 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު މާލޭ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.
ސިފައިން ކުރި އަވަސް މަސައްކަތުން، އެތަނުގައި ރޯވި އަލިފާންގަނޑު ވަނީ ދިހަ މިނެޓު ތެރޭގައި އެއްކޮށް ނިއްވާލާފައެވެ. އެގޮތުން، އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލެވިފައިވަނީ 14:58 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި އަލިފާންގަނޑު އިތުރަށް ފެތުރި އެހެން ތަނަކަށް ގެއްލުމެއް ލިބުމުގެ ކުރިން ވަނީ ކޮންޓްރޯލް ކޮށްފައެވެ.