މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ އުމުރުގައި މާތް الله ބަރަކާތްލައްވާ އަދި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށާއި، މުސްކުޅިވާ ދުވަހު އެމީހުން އެކަނިކޮށްލާ މީހުންނަށް މިއަދުގެ ހުކުރު ހުތުބާގައި ވަރުގަދަ އިންޒާރެއް ދީފިއެވެ. ހުތުބާގައި ބުނީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މައިންބަފައިންނަށް ނުކިޔަމަންތެރިވުން ހިމެނޭ ކަމަށެވެ.
މައިންބަފައިން މުސްކުޅިވެ ބަލިކަށިވާ ދުވަހު ހޮސްޕިޓަލުތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކަށް އެމީހުން ދޫކޮށްލުމަށްފަހު، އަނބިދަރިންނާއެކު އުފަލުގައި އުޅޭ މީހުންނަށް އޮތީ ބިރުވެރިކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެގޮތަށް ކަންތައް ކުރާ މީހުން މަރުގެ ސަކަރާތުގެ ތެރެއަށް ވެއްޓޭ ހިނދު، ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ހުތުބާގައި ބުންޏެވެ.
މަންމައާއި ބައްޕަގެ ރުހުން ލިބިއްޖެ ނަމަ، ދިރިއުޅުމުގައި ދިމާވާ އެތައް މުސީބާތަކުން މާތް الله އެ މީހަކު ސަލާމަތް ކުރައްވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މައިންބަފައިންނަށް އިހުސާންތެރިވުމަކީ ސުވަރުގެ ވަނުމަށް އޮތް މަގެއް ކަމަށާއި، އެމީހުންގެ ހެޔޮ ދުއާއަކީ ކޮންމެ މީހަކަށްވެސް ބޭނުންތެރި ހަތިޔާރެއް ކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.
“އަހަރުމެން ކުޑަކުޑައިރު، ނިދިނަގައިލައި، އަހަރުމެންގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކޮށް، އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާން ޖެހޭނެ،” މައިންބަފައިންގެ މަތިން ހަނދާން ނައްތާލާފައިވާ މީހުންނަށް ނަސޭހަތްތެރިވަމުން ހުތުބާގައި ބުންޏެވެ.
މައިންބަފައިންގެ ހައްގުތަކުގެ އިތުރުން، މުޖުތަމައުގައި ހުރި އެހެނިހެން ނުރަނގަޅު އާދަތަކަށްވެސް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން ނަމާދު ވަގުތުތައް ފާއިތުވެގެން ދާއިރު ކުޅިވަރު ކުޅެން ކުދިން ދޫކޮށްލާފައި ތިބޭ މައްސަލައާއި، ހަރާމް ގޮތުގައި ފައިސާ ހޯދައިގެން އާއިލާއަށް ހަރަދުކުރާ މީހުންނަށް އެކަމުގެ ނުބައި ނަތީޖާއާ މެދު ހުތުބާގައި ވަނީ އިންޒާރު ދީފައެވެ. އަދި ވިޔަފާރީގައި ތެދުވެރިވުމަށާއި މުދަލުން ޒަކާތް ނެރުމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.