English Edition
Dhivehi Edition
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

1967 ގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން ފަލަސްތީނެއް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ. އަދި ގައްޒާގެ މައްސަލަ ހައްލުކުރުމުގެ ޕްލޭން ތަންފީޒުކުރުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.

ފޮރިން މިނިސްޓަރު މިކަން ހާމަކުރެއްވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މިއީ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކަމަނާ އޯއައިސީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ފަލަސްތީނުގެ ބިންތައް ހިސާރުކޮށްގެން އިޒްރޭލުން ހިންގަމުންދާ ގާނޫނާ ހިލާފު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭގެ އިތުރުން، އިޒްރޭލާ މެދު އިންޓަނޭޝަނަލް ގާނޫނުތައް ތަންފީޒު ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިސްލާމީ އުއްމަތުގެ އުސޫލުތައް ދެމެހެއްޓުމަށް ގައުމުތަކަށް ގޮވާލެއްވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ދެމެހެއްޓެނިވި ސުލްހައަކަށް އޮތް މަގަކީ “ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ގާޒާ ކޮންފްލިކްޓް” ތަންފީޒުކުރުން ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދުމަށް އޯއައިސީގެ މެމްބަރު ގައުމުތަކުން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އިރުތިޝާމް ވަނީ އޯއައިސީގެ ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، ރާއްޖެއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ފަންސާސް ހަތް ގައުމު ހިމެނޭ އޯއައިސީއަކީ ފަލަސްތީނުގެ ހައްގުގައި އަބަދުވެސް ވަކާލާތުކުރަމުން އަންނަ ބޮޑު ޖަމިއްޔާއަކަށް ވާއިރު، ރާއްޖެއިން އެ ޖަމިއްޔާގެ މެމްބަރަކަށްވެ ހަރަކާތްތެރިވާން ފެށީ 1976 ވަނަ އަހަރުއެވެ.