އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ، ބައެއް ކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ އެކަމާ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރުސީއެމުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ކޭމްޕްގައި ބައިވެރިވި ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން ބަލިވެ، ހާލު ދެރަވެގެން އެނދުމަތި ކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ކުދިންގެ ސިއްހަތާ ގުޅިފައިވާ މިފަދަ ހައްސާސް މައްސަލައެއް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، އަވަސް ތަހުގީގެއް ހިންގުމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.
“މިފަދަ ހިތާމަވެރި ހާދިސާއެއް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވައި، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް،” ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލުމުގެ އިތުރުން، އެޗްއާރުސީއެމުން ވަނީ ހާލު ދެރަވެގެން ފަރުވާ ހޯދަމުންދާ ދަރިވަރުން އަވަހަށް ބަލިން ރަނގަޅުވުމަށް އެދިފައެވެ.
ކެޑޭޓް ކޭމްޕްގައި ދަރިވަރުންތަކެއް ކާނާ ވިހަވި ނަމަވެސް، މިކަމާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އިދާރާއަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.