English Edition
Dhivehi Edition

އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލު ހިންގުމަށް އަލުން ބީލަމަށް ހުޅުވާލުމަށް، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) އިން ނިންމައިފި އެވެ.

ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެކަމާއި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެން ވަނީ އޭއައިއޭގެ ބައެއް އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އޭއައިއޭ އިން ވަނީ އަންނަ އަހަރުގެ ޖުލައި މަހުގައި ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނެކަމަށް ބުނެފައެވެ. އަދި ފްލައިން ސްކޫލު ހިންގުމުގެ އެއްބަސްވުން އާކުރުމުގެ ބަދަލުގައި ފްލައިން ސްކޫލު އަލުން ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލަން ވިސްނާފައިވާކަމަށްވެސް އޭއައިއޭ އިން ވަނީ ބުނެފައެވެ.

ފްލައިން ސްކޫލުގެ މައްސަލައާ ގުޅިގެން އެ މައްސަލަ ބެލުމަށްޓަކައި މަޖިލީހުން މިއަދު އައްޑޫއަށް ގޮސް އޭއައިއޭއާ ބައްދަލުކޮށްފައިވާއިރު އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން ފްލައިން ސްކޫލުގެ މެނޭޖްމެންޓް އަދި ސްކޫލުގެ ދަރިވަރުންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލައިން ސްކޫލުގެ މައްސަލަ އާއި މެދު މަޝްވަރާކުރެއްވުމަށް އައްޑޫއަށް ވަޑައިގެންނެވި މެމްބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއާއި މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) އާއި، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްއެވެ،