English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ/މިހާރު

އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުކޮށްފިނަމަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު 1000 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީން މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި “ވިސްނާ” ޖަލްސާގައި ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އެންމެ ފަހުން ފާސްކުރި އިންތިގާލީ އިންސާފުގެ ގާނޫނަކީ އެ ޕާޓީގެ އަމިއްލަ ކަރަށް މަހައިލި މަޅިއެއް ކަމަށެވެ. އެ ޤާނޫނުގެ ދަށުން ފުރަތަމަ ބަލަން ޖެހޭނީ އެމްޑީޕީގެ ސަރުކާރުން މީހުންނަށް ދީފައިވާ އަނިޔާތައް ކަން ފާހަގަކޮށް ޖަމީލު ވިދާޅުވީ ބަލަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ބައެއް ކަންކަން ލިސްޓުކުރައްވާފައެވެ.

މި ގޮތުން ޖަމީލު ވިދާޅުވީ އެންމެ ފުރަތަމަ ބަލަން ޖެހޭނީ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި މައްސަލަ އާއި އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރި މައްސަލައާއި ގާސިމް އިބްރާހިމް ހައްޔަރު ކުރި މައްސަލަ އާއި އަދި މުލިއާގޭ ތެރޭގައި ހޯރަ އިއްބެ އަދި އޭނާގެ އެހެން ރައްޓެހިން ދިރިއުޅުނު މައްސަލަކަމަށެވެ. މީގެ އިތުރުން ފުލުހުން ގައިގައި ތަޅާނެ ކަމަށް ބުނި މައްސަލައާއި ސިފައިންނަށް ގޯނާ ކުރި މައްސަލައާއި ފްލެޓު ދޭނީ ވަކި ބަޔަކަށް ކަމަށް ބުނި މައްސަލަވެސް ބަލަންޖެހޭނެ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ. “ބޯންޖެހޭނެއޭ ބޯން ވާނެއޭ ބުނި މައްސަލަ އާއި އަދި އައްޑޫގައި ބުދު ބެހެއްޓި މައްސަލަ އާއި ހުދު އަޅުގަނޑު ހައްޔަރު ކުރި މައްސަލަވެސް ބަލަންޖެހޭ” ޖަމީލު ވިދާޅުވިއެވެ. އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުކޮށްފި ނަމަ ރައީސް މުހައްމަދު ނަޝީދު 1000 އަހަރަށް ޖަލަށް ލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލުވަނީ އިންތިގާލީ އިންސާފުގެ ގާނޫނު ޕީޕީއެމްގެ ސަރުކާރެއްގައި ރަނގަޅަށް ތަންފީޒު ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.