ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެކުގައިކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރޭ ޖަމީލުގެ އުފަން ރަށް ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ޖަމީލު ވަނީ ވަރަށް ހޫނު ރައްދެއް ދެއްވާފައެވެ. މި ގޮތުން މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް ރައީސް ޔާމީން މިނިވަން ނުކުރެވޭނެ ކަމަށް ވިދާޅުވެ މާރިޔާ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ޖަމީލު ވިދާޅުވީ މުއިއްޒު ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިތްޕަވައިގެން ކަމަށެވެ.
މި ސަރުކާރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ފާޑުކިޔަމުން ޖަމީލް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުގައި ކުރެއްވީ އެންމެ ކަމެއް ކަމަށެވެ. އެއީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވޯޓް ދޭން ބޭނުންވެފައި ތިބި ރައްޔިތުންގެ ކިބައިން އެހައްގު ނިގުޅައި ގަތުން ކަމަށް ޖަމީލް ވިދާޅުވިއެވެ.
މީގެއިތުރުން ޖަމީލް ވިދާޅުވީ މުއިއްޒު އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މިހާރު އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށެވެ.