English Edition
Dhivehi Edition
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު - ފޮޓޯ: އަވަސް

ޖުޑީޝަރީ އަކީ މިނިވަން އަދި މައުސޫމް މުއައްސަސާއެއްކަމަށް ދައްކަން އުޅުމަކީ ހަނދަށް ކުޅުޖަން އުޅުން ފަދަކަމެއްކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު, އަދި ރައީސް އަބްދުالله ޔާމިންގެ ގާނޫނީ ވަކީލުން ޓީމުގެ އެންމެ އިސް ވަކީ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހުކުމް ކުރަންވީމާ ވ. އާރަށުގެ މައްސަލަ ރޮކެޓް ސްޕީޑުގައި ކުރިއަށްގެންގޮސް, އެ މައްސަލައިގެ އިސްތިއުނާފު ފިނިހަކަ ސްޕީޑްގައި ‘ޓަކަޓަކަ’ އަޅުވަނީ ވަސީލަތް މަދުވެގެންތޯ? ވެސް ޖަމީލް މިއަދު ވަނީ ސުވާލު އުފައްދަވައިފައެވެ.

“ޖުޑީޝަރީއަކީ މައުސޫމް ވަކިފަރާތަކަށް ނުޖެހޭ އަދި ނުފޫޒުން މިނިވަންބައެއްކަން ދައްކަން އުޅުމަކީ ބިންމަތީގައި ތިބެގެން ހަނދަށް ‘ކުޅުޖަހަން އުޅުން’ ކަހަލަ ކަމެއް. އަދި މިހާރު މުޅި މުޖުތަމައުގެ އިތުބާރު ޖުޑީޝަރީއަށް ވަނީ ގެއްލިފައި,” – ޑރ. ޖަމީލް-

ޝަރުއީ ދާއިރާއިން ނުކުރަންވީ ކަމަކީ ސިޔާސީވުމާއި ވެރިންގެ ރުހުން ހޯދަން އުޅުންކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި ކުނިވެ ފުޅައަޅާފައިވާ މަސްގަނޑެއްފަދައިން މުޅި މާހައުލު ތަގައްޔަރުކުރާ ސިޔާސީ ހަތިޔާރަކަށް ނުވާންވީ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ދާދިފަހުން ހުކުމެއް އިއްވަމުން ދެއްކެވި ވާހަކަފުޅުތަކަކަށް ރައްދުދެއްވުމުގެ ގޮތުންކަމަށް ބެލެވެއެވެ. ސުއޫދު ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގެ އަދުލުގެ ނިޒާމު އޮތްގޮތުން ގިނަ އަދަދެއްގެ މީހުން ބަންދުގައި ތިބެންޖެހޭ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ އިމާރާތާއި މުވައްޒަފުން ޝަރުއީ ދާއިރާއަށް ފޯރުކޮށްނުދީ ޝަރީއަތްތައް އަވަސް ކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދު ކުރަން އުއްމީދު ކުރުމަކީ ކަނޑުގެ ލޮނުގަނޑުގައި އިނގިލިން ރޮނގެއް އެޅުން ނުވަތަ ބިންމަތީގައި ހުރެހެން ހަނދުގައި އަތްލާން އުޅުން ކަހަލަ ކަމެއް ކަމަށެވެ.

ރާއްޖެއަށް އެތެރެކުރިފަހުން އަތުލައިގަތް 72 ކިލޯގެ މަސްތުވާތެކީގެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ސ. ހުޅުދޫ، އިރުފާން ތަގިއްޔު ބަންދުން ދޫކުރުމަށް ދަށު ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފީ އަޑުއެހުމުގައި ސުއޫދުގެ ރައުޔު އިއްވަމުން ވިދާޅުވީ ބަންދުގައި ދިގު މުއްދަތު ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށާއި ބަންދުގައި ދިގު މުއްދަތެއް ހޭދަވެފައިވާ މީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް އެ މައްސަލައިގައި އަވަހަށް ހުކުމް ކުރުމަކީ އޭގެ އެއް ހައްލު ކަމަށެވެ.