English Edition
Dhivehi Edition

ރައީސް އިބުރާހީމް މުޙައްމދު ޞާލިޙުގެ ޙައްދެއް ނެތް އަނިޔާގެ އަމާޒަކަށް މިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަމަށާއި ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙުގެ ޙައްދެއް ނެތް އަނިޔާގެ ޓާގެޓަކަށް މިވީ ރައީސް ޔާމީންކަމަށެވެ. އަދި އެއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް ކަމަށާއި މިވަގުތަކީ މީ ހުރިހާ އެންމެން ގުޅިގެން އިބޫ ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރަން އޮތް ވަގުތުކަމަށެވެ. އަދި އެންމެން އެކުގައި ގުޅިގެން ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކުރުމަށް ހީވާގިކޮށް މަސައްކަތް ކުރުމަށް ޖަމީލު ވަނީ އިލްތިމާސްކުރައްވާފައެވެ.

“އެކުވެރިކަމަކީ ގަދަފަދަ ބާރެއް. ރ. އިބޫގެ ޙައްދެއް ނެތް އަނިޔާގެ ޓާގެޓަކަށް މިވީ ރ. ޔާމީން. އެއީ ވ. ސާފުކަމެއް. މިވަގުތު އެންމެން ގުޅިގެން އިބޫނޫން ގޮތެއް ހޯދުމަށް ޑރ. މުޢިއްޒު އިންތިޚާބު ކުރުމަށް ހީވާގިކޮށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަން.” ޑރ ޖަމީލުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޑރ ޖަމީލަކީ މަނީލޯންޑްރިން މައްސަލާގައި 11 އަހަރުގެ ޖަލުހުކުމެއް މިހާރުވެސް ތަންފީޒުކުރަމުންގެންދާ ކުރީގެ ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅެކެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ޔާމީނަށް ވާދަނުކުރެވޭނޭ ކަމަށް އިލެކްޝައިން ނިންމުމުން ޖަމީލް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުއްޒުއަށް ތާޢީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.