English Edition
Dhivehi Edition
ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ ވަގުތު ޗެލެންޖް 2020 ގައި ބައިވެރިވެފައިވާ އެފްސި އުސްގަނޑުން މުބާރާތުގެ ގަވައިދާއި ހިލާފްވި މައްސަލައެއް ފެންމަތިވެ، އެކަމާއި ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް އެފްސީ ހަބޭސް އިން އެދެފިއެވެ.

އެފްސީ ހަބޭސް އިން މުބާރާތުގެ އިވެންޓް ކޯޑިނޭޓަރަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައިވަނީ މުބާރާތުގެ ޤަވައިދުގެ ހަވަނަ މާއްދާގައިވާ ގޮތުން ކުޅުންތެރިންގެ ޝަރުތުތަކުގެ ތެރޭގައި، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ހިމެނޭނީ އައްޑޫ އިން ބޭރު ތިން ކުޅުންތެރިންކަމާއި އަދި ދަނޑުމަތީގައި އެއްވަގުތެއްގައި ކުޅެވޭނީ އައްޑޫއިން ބޭރުގެ ދެ ކުޅުންތެރިން ކަމަށް ވަރަށް ސަރީޙަ އިބާރާތުން ބަޔާންކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެ ޓީމަށް ލިބުނު މައުލޫމާތަށް ބަލާއިރު އެފްސީ އުސްގަނޑުން މުބާރާތުގެ މި މާއްދާއާއި ހިލާފްވެފައިވާކަން ފާހަނގަކޮށް ހަބޭސް އިން ބުނީ އުސްގަނޑަށް ކުޅެމުން އަންނަ އަހްމަދު މުޢާޒަކީ އައްޑޫ ރައްޔިތެއްގެ ގޮތުގައި މުބާރާތުގައި ހިމަނާފައިވީ ނަމަވެސް ހޯދިހޯދުންތަކުންނާއި ޑީ.އެން.އާރް އިން ލިބުނު މައުލޫމާތަށް ބަލާއިރު އަހްމަދު މުއާޒަކީ ،ޏ.ފުވައްމުލަކު އުހުދު، އަށް ރަޖިސްޓްރީވެފައިވާ އެ ރަށުގެ ރަށްވެއްސެއްކަން އެނގިފައިވާކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި ވޯޓުގައިވެސް އަހްމަދު މުޢާޒު ވޯޓުލާފައިވަނީ ފުވައްމުލަކުގެ ރައްޔިތެއްގެ ގޮތުގައިކަން ކަށަވަރަވެފައިވާކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ

މީގެ އިތުރުން ހަބޭސް އިން ބުނީ މުބާރާތުގެ ޤަވައިދުގައިވާ ގޮތުން މަންމަ ނުވަތަ ބައްޕައަކީ އައްޑޫ ރައްޔިތެއްނަމަ އައްޑޫގެ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވިދާނެކަމަށާއި އެހެންނަމަވެސް މުޢާޒްގެ ބައްޕައަކީ އައްޑޫ ރައްޔިތެއްކަމުގައި ބަލައި އެ ކުޅުންތެރިޔާއަށް މި މުބާރާތުގައި ބައިވެރިވެފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ލިޔެކިޔުމަކުން އޭނާގެ ބައްޕައަކީ އައްޑޫ ރައްޔިތެއްކަން ސާބިތުވެފައި ނުވާކަމަށެވެ.

“އެހެންކަމުން މިފަދަ ޤަވައިދުތަކަށް ކުރިއާލާކަނޑައެޅިގެން ކުރިއަށް ގެންދެވޭ މުބާރާތެއްގައި މިފަދަ ބޮޑު އޮޅުވާލުންތައް ހުރުމަކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމަށް ނުވާތީ އަދި މިފަދަ ޤަވައިދާއި ހިލާފްވެފައިވާ އެހެން ޓީމްތަކާއި މެދު ފިޔަވަޅު އެޅުނު ފަދައިން މި މައްސަލަ ރަނގަޅަށް ބަލައި ފިޔަވަޅު އަޅައިދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް” ހަބޭސް އިން ބުނެފައިވެއެވެ. މީގެ އިތުރުން އެ ޓީމުން ވަނީ މުޢާޒަށް އައްޑޫ ރައްޔިތެއްގެ ގޮތުގައި މުބާރާތުގައި ބައިވެރިވެފައިވަނީ ކޮންފަދައަކުން ކަން ބަޔާންކޮށް މިކަން ސާބިތުކޮށްދެވޭނެ ފަދަ ލިޔެކިޔުންތައް ހުށަހެޅުމަށްވެސް އެދިފައެވެ.

މިއަދު ކުއާޓާފައިނަލުގައި ފުވައްމުލަކުގެ ހޯދަޑު ސްޕޯޓްސް ބަލިކޮށް އެފްސީ އުސްގަނޑަ މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، މިއަހަރުގެ މުބާރާތުގައިވަނީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.