ގައުމު ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ޒެފިއާ އާއި ސަންސް އޮފް ލޮންސް ބައްދަލުކުރި މެޗު ޕެނެލްޓީ ޖަހައިގެން ސަން އޮފް ލޮންސް އިން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން، ސެމީއަށް ދާނެ ޓީމު ކަނޑައެޅީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ސަންއޮފްލޮންސް ޒެފިޔާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މިމެޗުގައި ލަނޑު ޖަހާ ލީޑު ނަގާނެ ފުރުސަތު ޒެފިޔާއަށް ލިބިފައިވާއިރު ފުރަތަމަ ހާފްގައި ސަންއޮފް ލޮންސްގެ ކުޅުންތެރީންނަށް 4 ފައުލަށްވުރެ އިތުރަށް ފައުލްކުރެވިގެން ޒެފިޔާއަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް ޒެފިޔާއަށް ލިބުނު މިޕެނަލްޓީގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ވަނީ ބޭރަށް ގޮސްފައެވެ.
ދެޓީމްގެ ކުޅުންތެރީންގެ ފަރާތުން ވާދަވެރި ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ސަންއޮފް ލޮންސްގެ ކުޅުންތެރިއަކަށް ބްލޫ ކާޑުދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ. އަދި މީގެ އިތުރަށް ބެންޗްގައި އިން އެޓީމުގެ އެހެން ކުޅުންތެރިއަކަށްވެސް ފުރަތަމަ ހާފްގެ ކުޅުމުގައި ރެފްރީ ވަނީ ބްލޫ ކާޑުދައްކާފައެވެ.
ސެމީފައިނަލްގައި ސަންއޮފް ލޮންސާއި ވާދަކުރާނީ ކުއާޓާފައިނަލްގެ ފުރަތަމަމެޗުން މީދޫ ޗެލެންޖާސް ބަލިކޮށް ސެމީން ޖާގަ ހޯދާފައިވާ މީދޫ ލޮތަރި އެފްސީއާއެވެ. މިދެޓީމަކީ މިމުބާރާތުގެ ސީ ގްރޫޕްގައި ހިމެނުނު ދެޓީމެވެ. ގްރޫޕް ސްޓޭޖްގައި މިދެޓީމް ވާދަކުރިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ސަންއޮފް ލޮންސްއެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސަންއޮފް ލޮންސް ސެމީފައިނަލަށް ގެންގޮސްދިން ލަނޑު ކާމިޔާބުކޮށްދީފައިވާ އަލީ ނާފިއު އެވެ.
ރޭ ކުއްޓާފައިނަލްގެ ފަހު މެޗުގައި އެފްސީ ހަބޭސް އާއި ގަބުރު ބައްދަލުކުރި މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ހަބޭސް އެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ހަބޭސްގެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިމްރާންއެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަޔަމްއެވެ.
ސެމީފައިނަލްގައި އެފްސީ ހަބޭސްއާއި ވާދަކުރާނީ ކުއާޓާފައިނަލްގައި އުސްގަނޑު އެފްސީ ބަލިކޮށް ސެމީން ޖާގަ ހޯދާފައިވާ ކްލަބް ރިވެރިން ނެކްސަސް އެވެ،