ރާއްޖެއާ މިޔަންމާ އާއި ދެމެދު އޮންނަ ސިޔާސީ ގުޅުން ކަނޑާލިނަމަވެސް، ވިޔަފާރީގެ ގުޅުން ކަނޑާނުލާނަމަ މިޔަންމާގެ ސަރުކާރަށް އެކަމުން ފައިދާ ކުރާނެ ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގޮރާމްގައި ވާހަކަ ދައްކަމުން އާރިފް ވިދާޅުވީ ދިވެހި ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއްކަމަށެވެ. ސަރުކާރުން މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަޑާލުމުން އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާ މި ދަޑިވަޅުގައި އާރިފު ވަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވާ ވާހަކަދައްކާފައެވެ. “އަދިކޮޅު ފަރާތްތަކުން ހިތްހަމަޖެހޭ ގޮތަކަށް މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެކަމަކު ރާއްޖެއާ މިޔަންމާ އާއި ދެމެދު އޮންނަ ވިޔާފާރީގެ ގުޅުން ކިތަންމެ ކުޑަ ނަމަވެސް، އެ ގައުމާއެކު ވިޔަފާރީގެ ގުޅުން ކަޑާލުމުން އެކަމުގެ ބޮޑު އަސަރެއް އެމީހުންނަށް ކުރާނެ. ” އާރިފު ވިދާޅުވިއެވެ.
މީގެ އިތުރުން އާރިފު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ޤައުމުގެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމިން މިޔަންމާގެ މުސްލިމުންނަށްޓަކާ ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ދިވެހިރާއްޖެ ކަހަލަ ކުޑަ ޤައުމަކުން ކުރެވޭނެ އެކަށީގެންވާ ކަންތައްތަކެއްކަމަށެވެ.