English Edition
Dhivehi Edition

މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނި (އެމް އެސް އެސް) އިން އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ގދ. ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމާއެކު ބައެއް މުދަލުގެ އަގު ހެޔޮވެފައިވާކަމަށް އައްޑޫގެ ވިޔަފާރިވެރިން ބުނެފިއެވެ،

އިއްޔެ ހަވީރު ހިތަދޫ ރީޖަނަލް ބަނދަރަށް، އެސްޓީއޯގެ ކުރީގެ ބޯޓު ބޮންތި-2، ކުން 2700 ޓަނުގެ ކާގޯ އައްޑުއަށް ގެނެސްފައިވާއިރު މިހާރު މިތަކެތި ވިޔަފާރިތަކުންވަނީ އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

ހިތަދޫ، ފޭދޫ އަދި މަރަދޫގެ ބޮޑެތި ވިޔަފާރިތަކުން ކާގޯ ގެނެސްފައިވާއިރު، ހިތަދޫ މަލްޓި ސުޕަރމާޓްގެ މާކެޓިންގ އޮފިސަރ ވިދާޅުވީ މިހާރު އަލުވި ބަސްތާ އެއްގެ އަގު ހުރީ 350 ރުފިޔާ އަށްކަމަށާއި އެއީ މާލެއާއި އެއް ރޭޓެއްކަމަށެވެ. އަދި ބިސް ކޭހެއް 350 ރުފިޔާއަށް ފިޔާ ބަސްތާއެއް 450 ރުފިޔާ އަށް ޓޮމާޓޯ ފޮށިގަނޑެއް 220 ރުފިޔާ އަށް ވިއްކަމުންދާ އިރު މި އަގުތަކަކީ މިހާރު ބަޒާރުގައި ހުރި އަގުތަކަށް ބަލާއިރުވެސް ހެޔޮ އަގުތަކެއް ކަމަށް މަލްޓި ސުޕަރމާޓްގެ މާކެޓިންގ އޮފިސަރ ވަނީ ވިދާޅުވެފައެވެ.

ކާގޯ ފެރީއިން ގެނައި ތަކެތީގެ ބޮޑުބައި ވިކިފައިވާ ކަމަށް ބައެއް ވިޔަފާރިވެރިންވެސް ބުނެފައިވާއިރު، މިފެރީގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދިއުމަކީ އައްޑޫގެ ރައްޔިތުންނަށް ކޮށްދެވޭ ބޮޑު ޚިދުމަތެއްގެ ގޮތުގައި ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ. މިހާރު އައްޑޫގެ ވިޔަފާރިތަކުން ހުރިކަން ބޮޑުވުންތަކާއި ބެހޭ ގޮތުން ވިޔަފާރިވެރިން ބުނީ، މާކެޓް އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި، ހުވަދު އާއި ފުވައްމުލަކަށް އަގުހެޔޮ އެތެރޭގެ ކާގޯ ފެރީތަކެއް ހަފްތާއަކު އެއްފަހަރު ނަމަވެސް ބޭއްވެން ޖެހޭ ކަމަށެވެ.

އެމް އެސް އެސް ގެ މިދަތުރުތައް ކޮންމެ 20 ދުވަހަކުން ބޭއްވުމަށް މިހާރު ވަނީ ޝެޑިއުލް ކުރެވިފައެވެ.

މިއީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ އިތުރު ދަތުރުތަކެކެވެ. ކާގޯ ދަތުރުތައް ފެށުމާ ގުޅިގެން ހިތަދޫ ޕޯޓް ލިމެޓެޑުން މީގެ ކުރިން ބުނީ މިއީ ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެންދާނެ ކަމެއް ކަމަށާއި، ކާގޯ ދަތުރުތަކުގެ ސަބަބުން ޕޯޓަށާއި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އެމްއެސްއެސް އިން ބުނީ ކުންފުނީގެ ހޮޓްލައިން 7309700 އަށް ގުޅައިގެން، ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ކާގޯ ބުކް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

 

 

1 ކޮމެންޓް
Maz
ޑިސެމްބަރު 12, 2020
Hus holhi vahaka. Fiyai nle tibee 550 rf. Bis hishee 400 . Aloo 380.