English Edition
Dhivehi Edition
އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާ އަށް ދިޔަ ދިވެހިންގެ ތިންވަނަ ބެޗު - ފޮޓޯ: މޯލްޑިވްސް ކޮންސިއުލޭޓް އިން ޓްރިވެންޑްރަމް

މި މަހުގެ 11 އިން ފެށިގެން އިންޑިއާއަށް އެތެރެވާ މީހުން ކަރަންޓީނުވާން ޖެހޭގޮތަށް ނިންމައިފިއެވެ. މިގޮތަށް ނިންމީ ކޮވިޑް-19 އާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އިންޑިއާ ސަރުކާރުން ނިންމާފައިވަނީ ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭނެ ކަމަށާއި އެގޮތުން ކަރަންޓީނުވާނީ އެމީހަކު ދިރިއުޅޭ ގޭގައި ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ މިމަަހުގެ 11 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01 ން ފެށިގެން ކަމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮންލައިންކޮށް “އެއާ ސުވިދާ” ޕޯޓަލް މެދުވެރިކޮށް ލިޔުންތަކެއް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތާއި، ، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ ހުށަހަޅާ ލިޔުމެވެ.

މީގެ އިތުރުން ހަތް ދުވަސްވުމުން އަށްވަނަ ދުވަހު ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވިޔަސް ޖެހިގެން އަންނަ ހަތް ދުވަހު އަމިއްލަ ސިއްހަތު މޮނިޓަރ ކުރަން ޖެހޭ އިރު، ކޮވިޑް ޓެސްޓުގެ ނަތީޖާ “އެއާ ސުވިދާ” ޕޯޓަލަށް އަޕްލޯޑު ކުރަން ވެސް ޖެހެއެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާއަށް ދާ ދިވެހިން މިކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، އެކިބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވެ ބޯލެނބުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.