English Edition
Dhivehi Edition
ފޮޓޯ:މޯލްޑިވްސް ކަސްޓަމްސް

މުދާ އިމްޕޯޓް/އެކްސްޕޯޓް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފިއެވެ.

އެކްސްޗޭންޖް އޮފް ޕްރީ އެރައިވަލް އިިންފޮމޭޝަން ފޯ ފެސިލިޓޭޝަން އޮފް ޓްރޭޑް އެންޑް ކަސްޓަމްސް ކޮންޓްރޯލް އޮން ގުޑްސް” ގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ. އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ ޗެއާމަން އަޖިތު ކުމާރެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މުދާ އެކްސްޕޯޓް ކުރާއިރު، ބަނދަރާ ހަމައަށް މުދާ ގެންދިއުމުގެ ކުރިން ލިޔުންތައް ބަދަލު ކުރެވޭނެ ނިޒާމެއް ގާއިމުކުރާނެއެވެ. މި ކަމުގެ ސަބަބުން ކަސްޓަމްސްގެ އިޖުރައާތުތައް ފުރިހަމަ ކުރަން ހޭދަވާ ވަގުތު ކުޑަވެ، ދެ ގައުމުގެ ކަސްޓަމްސްގެ މަރުހަލާތައް ހަލުވިވެގެންދާނެއެވެ. އަދި ވިޔަފާރި އާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ކަސްޓަމްސް އިން ބުނީ މި އެއްބަސްވުގެ ސަބަބުން ދަށުން ހިއްސާކުރާ މަޢުލޫމާތުގެ ޒަރިއްޔާ އިން، ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ “މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު” ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބިގެންދާނެކަމަށެވެ. އަދި މުދަލުގެ ބާވަތާއި ސައްހަ އަގު އެނގި، ކަސްޓަމްމަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ “ކޮމާޝަލް ފުރޯޑް” ދެނެގަނެވޭނެކަމަށެވެ.