English Edition
Dhivehi Edition

މިއަހަރުގެ ރޯދަމަހާ ދިމާކޮށް އިންޑިއާއިން އައްޑޫއަށް 3200 ޓަނުގެ މުދާ ގެނެސްފައިވާ ކަމަށް ހިތަދޫ ޕޯޓު ލިމިޓެޑުން ބުނެފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނި (އެމް އެސް އެސް) އިން އިންޑިއާގެ ޓުޓިކޮރިން އިން އައްޑޫއަށް އަންނަ ކާގޯ ފެރީ އިން މިދިޔަ ހުކުރުދުވަހު 3289.7 ޓަނުގެ މުދާ އައްޑޫއަށް ގެނެސްފައިވާ އިރު ރޯދަ މަހަށް ބޭނުންވާ ގިނަ ސާމާނު ވަނީ ވަނީ މި ފެރީން އައްޑޫއަށް ގެެނެސްފައެވެ.

ޕޯޓު ލިމިޓެޑުން ބުނީ އައްޑޫއަށް ރޯދަމަހާއި ދިމާކޮށް ގެނައި މުދަލުގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި ބޭސް ހިމެނޭ ކަމަށާއި ފިނި ކުރި މުދަލުގެ ގޮތުގައި 6537 ކިލޯގެ މުދާ ގެނެސްފައިވާކަމަށެވެ. އެގޮތުން ރޯދަމަހާ ދިމާކޮށް ގެނައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ބިސް، ފިޔާ، އަލުވި، ކެބެޖް، ޓޮމާޓޯ، ކަރާ އަދި ދޮންކެޔޮވެސް ހިމެނެއެވެ.

ފެރީން މުދާ ގެންނަ ވިޔަފާރިވެރިން ބުނެފައިވަނީ އިންޑިއާއިން މުދާ ގެންނަން ފެށިފަހުން މުދަލުގެ އަގު ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ. އަދި މިއަހަރު ރޯދަމަހުވެސް މުދަލުގެ އަގު ހެޔޮވެގެންދާނެ ކަމަށްވެސް ވިޔަފާރިވެރިން ބުނެއެވެ.

މިއީ ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ހިދުމަތުގެ ސިލްސިލާގެ ދަށުން ކުރިއަށް ގެންދާ ދަތުރުތަކެކެވެ. ކާގޯ ދަތުރުތައް ފެށުމާ ގުޅިގެން ހިތަދޫ ޕޯޓް ލިމެޓެޑުން މީގެ ކުރިން ބުނެފައިވަނީ މިއީ ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެންދާނެ ކަމެއް ކަމަށާއި، ކާގޯ ދަތުރުތަކުގެ ސަބަބުން ޕޯޓަށާއި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.