English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ ބަނދަރަށް ފެންއިސްކުރު ލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފުލުހުން އެކަން ހުއްޓުވުމުން މަސްވެރިންގެ ތެރެއިން ބަޔަކު ނުކުމެ އެމަސައްކަތް ކުރަން ފަށައިފިއެވެ. ފުލުހުން އެމަސައްކަތް ހުއްޓުވައިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. “ފުލުހުން އެމަސައްކަތް ހުއްޓުވުމުން ވިއްސަކަށް މަސްވެރިން އައިސް އަމިއްލައަށް އެމަސައްކަތް ފެށި. މަސައްކަތް ފެށުމަށްފަހު ކުރިން އެމަސައްކަތް ކުރަމުންދިޔަ މީހުންނާ ހަވާލުކުރުމަށްފަހު ބުނީ އިތުރަށް ކަމެއް ގޯސްވަންޏާ ތިމަންނަމެން އައިސް އަމިއްލައަށް މަސައްކަތް ކުރާނަމޭ،” އެމަސައްކަތް ކުރަމުންދާ ވަސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ އައްޑޫ ސިޓީކައުންސިލުން ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ހުއްޓާލުމަށް އެތަނުން ނުއަންގާހާ ހިނދަކު މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. “ސިޓީކައުންސިލުންވެސް އަދި އެހެންތާކުންވެސް އަޅުގަނޑުމެންނަށް ރަސްމީކޮށް އަންގާފައެއްނެތް މަސައްކަތް ހުއްޓާލުމަށް. މަސައްކަތް ކުރަމުންދިޔަ މީހުން ބުނި ފުލުހުން އައިސް މަސައްކަތް ހުއްޓުވި ވާހަހަކަ. އަޅުގަނޑުމެން ކައުންސިލަށް އެވާހަކަ އެންގުމުން އެތަނުން ވިދާޅުވީ މަސައްކަތް ހުއްޓާލުމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާކަމަށް. އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާނަން،” ވަސަންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވިއެވެ. އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ ފުލުހުން އެމަސައްކަތް ހުއްޓުވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ފުލުހުން އެމަސައްކަތް ހުއްޓުވީ ހައުސިން މިނިސްޓްރީން އަންގައިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ. “އެހެންނަމަވެސް މަސްވެރިން އަމިއްލައަށް ނުކުމެ މިހާރު މަސައްކަތް ކުރަމުން އެބަދޭ. ބަނދަރަށް ފެންއިސްކުރު ލަނީ މަސްވެރިންނަށް ފަސޭހައަކަށް،” ސޯބެ ވިދާޅުވިއެވެ. ހިތަދޫ ބަނދަރަށް ފެންއިސްކުރު ލުމަށްޓަކައި ދެ ޕަންޕްސްޓޭޝަން ވަނީ ގާއިމް ކޮށްފައެވެ. އެއީ ހިތަދޫ އުތުރު ބަނދަރަށާއި ދެކުނު ބަނދަރަށް ފެން ފޯރުކޮށް ދިނުމަށް ގާއިމް ކޮށްފައިވާ ދެ ތަނެވެ. އުތުރު ބަނދަރުގެ މަސައްކަތް ނިންމާލުމަށްފަހު މިހާރުވަނީ ކައުންސިލާ ހަވާލުކޮށްފައި ކަމަށް މަސައްކަތްކުރާ ފަރާތުން ބުންޏެވެ. ދެކުނު ބަނދަރަށްލަނީ 8 އިސްކުރެވެ. އެ މަސައްކަތްވެސް މާދަމާ ނިމޭނެ ކަމަށް ވަސަން މޯލްޑިވްސްއިން މައުލޫމާތު ދެއްވިއެވެ. އެތަނުން ވިދާޅުވީ މަސައްކަތް ނިމި މާދަމާ ފެންދޫކުރެވޭ ވަރުވާނެ ކަމަށެވެ. ހިތަދޫ ބަނދަރުގެ އިތުރަށް މަރަދޫ ބަނދަރުގައިވެސް ފެންއިސްކުރުތަކެއް ލުމަށްވަނީ ހަމަޖެހިފައެވެ. އެމަސައްކަތްވެސް ކުރާނީ ވަސަން އިންނެވެ. އެތަނުން ވިދާޅުވީ އެމަސައްކަތް މާދަމާ ފެށޭނެ ކަމަށެވެ.