English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ގެނެސްދޭ މަގްބޫލު ހިންދީ ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ” އިން އާންމުންގެ މެދުގައި މަޝްހޫރުކަން ހޯދި ބަތަލާ ދިވްޔާ ބަޓްނާގަރް 34، މަރުވެއްޖެ އެވެ.

ދިވްޔާ މަރުވި ހަބަރު ސޯޝަލް މީޑިއާއަށް އާއްމުކޮށްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އޭނަގެ އެންމެ ގާތް އެކުވެރިޔާ ދެވޮލީނާ އެވެ.

ދިވްޔާ އަށް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ މަހު އެވެ. ކޮވިޑް19އަށް ފަރުވާ ހޯދަމުން ދިވްޔާ ވަނީ ދާދި ފަހުން، އޭނާގެ އިންސްޓަގްރާމު ސްޓޯރީއަށް ހޮސްޕިޓަލުގެ އެނދުގައި އޮކްސިޖަން މާސްކް އަޅައިގެން އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ލުމަށްފަހު އޭނާއަށް އަވަސް ޝިފާ ލިބުމަށް އެދި އެންމެން ވެސް ދުއާ ކުރުމަށް އެދިފަ އެވެ. ސިއްހީ ހާލަތު ގޯސްވެގެން ވޭތުވެދިޔަ ދުވަސްކޮޅު ވެންޓިލޭޓަރުގައި އޮތުމަށްފަހު އޭނާ މަރުވީ އިއްޔެގެ ވަގުތެއްގަ އެވެ.

ދިވްޔާ މަރުވުމާއި ގުޅިގެން އޭނާގެ ފޭނުން ހިތާމަފާޅުކުރަމުންދާއިރު ޓީވީ ތަރިން ވަނީ ދިވްޔާގެ އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވާފައެވެ. މީގެ އިތުރުން އޭނާގެ އެކުވެެރިޔާ ދެވޮލީނާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ދިވްޔާ އަކީ އޭނާގެ ގާތުގައި އަބަދުވެސްވީ މީހެއް ކަމަށާއި އޭނާ އަކީ އެކުވެެރިންނަށް ހުރި ނަމޫނާއެއްކަމަށެވެ.

ދިވްޔާ ވަނީ ޓީވީ ގިނަ ޝޯތަކެއްގައި މަަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ތޭރޭ ޔާރު ހޫން މެއިން ފަދަ ޝޯތައް ހިމެނެ އެވެ.