ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދިވެހި އަސްކަރިއްޔާއިން ހާމަނުކުރަން ނިންމީ ރަނގަޅަށް ކަމަށް ކަނޑައަޅައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން އިސްތިއުނާފް ކުރަން, ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ “ދިޔަރެސް” ނޫހުން، އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާ، އެމްއެންޑީއެފްއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއޯ މަތިންދާބޯޓުތައް ދުއްވަން ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބިއިރު، އެ އަދަދު ހާމަކޮށްދިނުމަށް އެދި ޑިފެންސް މިނިސްޓްރީއަށް ހުށަހަޅެމުން އެ މައުލޫމާތު ހާމަނުކުރަން އެ މިނިސްޓްރީންވަނީ ނިންމާފައެވެ.
ޑިފެންސް މިނިސްޓްރީއިން އެ މައުލޫމާތު ހާމަނުކުރުމުން، މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދުމަށް ޓަކައި އައިކޮމްއަށް އެ ނޫހުން މައްސަލަ ހުށަހަޅެމުން އެ އޮފީހުގައި މި މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް ފަހު އެމްއެންޑީއެފްއިން ދިން މައުލޫމާތުތަކުގެ މައްޗަށް އައިކޮމް އިން ނިންމީ އެއީ ކޮންމެހެން ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރު މައުލޫމާތެއް ކަމުގައިވެސް އައިކޮމް އިންވަނީ ނިންމާފައެވެ.
އައިކޮމް އިން މި ގޮތަށް ނިންމުމާއި ގުޅިގެން “ދިޔަރެސް” ނޫހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެ ކޯޓުން މިހާރު ބަލައިގެންފައިވާއިރު އަދި އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް ނޭނގެއެވެ.