English Edition
Dhivehi Edition
އަލީ ހުސައިން - ފޮޓޯ: މަޖިލީސް

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަ ކުރުމާއި ގުޅިގެން، ފައިސާ ދީފައި ގަންނަ ކާޑުގެ ބާވަތްތައް ލިބުނު ދަތިވެދާނެކަމަށް ބުނާ މައްސަލައާއި މެދު ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި، އެ ސިފައިންނަށް ސަރުކާރުން ކުރާ ހަރަދު ހޯދުމަށް 2020 ވަނަ އަހަރު “ދިޔަރެސް” ގެ ނޫސްވެރިޔާ އަހުމަދު އަޒާން، ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދިނުމާއި ގުޅިގެން އަޒާން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައެވެ.

އަޒާން ހުށަހެޅި މައްސަލައިގެ ޖަވާބުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަވެއްޖެނަމަ ދިވެހިރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެފައެވެ، އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ އަދަދު ހާމަވުމަކީ ޤައުމީ ސަލާމަތަށް ނުރައްކާވާނެކަމެއް ކަަމަށްވެސް އެ ޖަވާބުގައި ބަނީ ބުނެފައެވެ،

މީގެ އިތުރުން އިންޕޮމޭޝަން ކޮމިޝަނުން ވަނީ ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި އަސާސީ ކަންކަމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށްވެސް އެހެން ޤައުމުތަކަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު އެ މައުލޫމާތު ހާމަވެއްޖެނަމަ އިންޑިއާއިން ފޯރުކޮށްދޭ އިންސާނިއްޔަތުކަމުގެ އެހީތަކަށްވެސް ހުއްޓުމެއް އަތުވެދާނެ ކަމަށް ވަނީ ބުނެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ދިން ޖަވާބާ ގުޅިގެން ކަންބޮޑުވުންފާޅުކޯށް އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަ ކުރުމާއި ގުޅިގެން، ފައިސާ ދީފައި ގަންނަ ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ނަމަ ޤައުމު މިއޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގެ މަތީގައިކަން ހާމަވާކަމަށެވެ.