ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރް މަޝްހޫރުވެފައި އޮންނަނީ އޭނާ ކުޅޭ ފިލްމުތަކުގައި ދައްކާ މޮޅު ހުނަރުތަކުގެ ސަބަބުން އެކެންޏެއް ނޫނެވެ. ބޮލީވުޑްގެ ގިނަ ބަތަލާއިންނާއި ލޯބީގެ ގޮތުން ގުޅިފައިވާ އަކްޝޭއަކީ އޭނާގެ ހަޔާތަށް އައިސްފައިވާ އަންހެނުންގެ ސަބަބުން ވެސް މަޝްހޫރުކަން ލިބިފައިވާ ތަރިއެކެވެ.
90 ގެ އަހަރުތަކުގެ ތެރޭގައި އަކްޝޭ އާއި ރަވީނާ އެކުގައި ގިނަ ފިލްމުތަކުން ފެނިގެން ދިޔައިރު އެ ފިލްމުތަކަށް ލިބުނު ސަމާލުކަން މި ދެތަރިންގެ ސިއްރު ލޯބީގެ ގުޅުމަށްވެސް ވަނީ ލިބިފައެވެ. 1994 ވަނަ އަހަރު ފިލްމު ‘މޮހަރާ’ގެ ސެޓުން މި ދެތަރިން ބައްދަލުވެ ލޯބީގެ ގުޅުން ފެށިގެން ދިޔައިރު މި ދެތަރިންވަނީ ފަހުން އެންގޭޖްވެސް ވެފައެވެ. އެހެންނަމަވެސް މި އެންގޭޖްމެންޓްގެ ވާހަކަތައް އަކްޝޭ ސިއްރުކޮށްފައިވާއިރު ވަރަށް ފަހުން ރަވީނާ ދިން އިންޓަވިއުއެއްގައި ބުނީ އެކަން ސިއްރުކުރީ އަކްޝޭގެ ފިލްމީ ކެރިއަރު ހަލާކުވެދާނެކަމަށް އަކްޝޭއަށް ގަބޫލުކުރެވޭތީ ކަމަށާއި އެ ގުޅުމަށް ނިމުން އައީ އޭނާއަށް އަކްޝޭ ވަފާތެރިނުވުމުން ކަމަށެވެ. ރަވީނާ އާއި ރައްޓެހިވެގެން އުޅެމުން، އަކްސޭ ޝިލްޕާ އާއި ލޯބީގެ ގޮތުން ގުޅިފައިވާއިރު، ފަހުން އަކްޝޭވަނީ ޝިލްޕާއަށްވެސް ބޭވަފާތެރިވެ އޭނާގެ މިހާރުގެ އަނބިމީހާ ޓުވިންކަލް އާއި ގުޅިފައެވެ.
1998 ވަނަ އަހަރު މި ދެތަރިން ކައިވެނިކޮށްފައިވާކަމަށް ބުނެ މީޑިއާތަކުން ހަބަރު ފެތުރުމާއި ގުޅިގެން އަކްޝޭ ވަނީ އޭނާ ރަވީނާ އާއި ކައިވެނި ނުކުރާކަމަށާއި ހަމައެކަނި އެންގޭޖްވީ ކަމަށް ބުނެފައެވެ. އަދި ދިމާވި އެކި މައްސަލަތަކުގެ ސަބަބުން އެ ގުޅުންވެސް ނިމިފައިވާކަމަށް އަކްޝޭ އޭރު ވަނީ އެއްބަސްވެފައެވެ.
ދާދި ފަހުންވެސް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގެ ތެރެއިން ޓްވިންކަލް އާއި އަކްޝޭ އޮތީ ކޮންކަހަލަ ގުޅުމެއްތޯ މީހަކު ވަނީ އަކްޝޭ އާއި ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބުދެމުން އަކްޝޭ ހިނިގަނޑެއް ޖަހާލުމަށްފަހު ބުނީ ތި ސުވާލު ކުރަނީ މީގެ 22 އަހަރު ކުރިން ހިނގާފައިވާ ކަމަކާއި ގުޅޭ ގޮތުންކަމަށެވެ.” އިއްޔެ މެންދުރަށް ކެއި އެއްޗެއްވެސް އަހަރެން ހަނދާނެއް ނެތް. ތި ބޭފުޅާ ކެއި އެއްޗެއް ހަނދާން އެބަހުރިތޯ؟” އަކްޝޭވަނީ އޭނާގެ ސަމާސާ މިޒާޖުގައި ސުވާލުކޮށްފައެވެ. އެހެންނަމަވެސް ރަވީނާ އާއި އެކު މަސަތްކަތް ކުރަން ލިބުމުން ވަރަށް ފަހުރުވެރިވާ ކަމަށް ބުނެ އަކްޝޭވަނީ އޭނާ އާއި ރަވީނާ އެކުގައި ކުޅުނު ފިލްމުތަކަކީ ހިޓް ފިލްމުތަކެއްކަމުގައި ބުނެފައެވެ. އަދި “ޓިޕް ޓިޕް ބަރްސާ ޕާނީ” ލަވަ އެއީ އަދިވެސް އޭނާ ފެވަރިޓް އެއް ލަވަކަން އަކްޝޭވަނީ ފާހަގަކޮށްފައެވެ.