English Edition
Dhivehi Edition

ކޮވިޑް19 ގެ ސަބަބުން ފިލްމީ ދާއިރާއަށްވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވި އިރު، މިއަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ގިނަ ފިލްމުތައް ވަނީ ސިނަމާތައް ބަންދުކުރުމުގެ ސަބަބުން ރިލީޒްނުކުރެވިފައެވެ. މިއަހަރު ޝޫޓިން ފެށި ބައެއް ފިލްމުތަކުގެ ޝޫޓިންތައްވެސް މެދުކަނޑާލަންޖެހުނު އިރު، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ފިލްމު ޕްރޮޑިއުސަރުން މިވަނީ އަލުން އެމީހުންގެ މަސައްކަތްތައް ފަށާފައެވެ. އެހެންނަމަވެސް ކޮވިޑް19 ގެ ސަބަބުން ޝެޑިއުލް އާއި އެއް ގޮތަށް ޝޫޓިންތައް ކުރިއަށް ގެންދިއުމަށް މިވަނީ ގިނަ ހުރަސްތަކަކާއި ކުރިމަތިވެފައެވެ

މިގޮތުން އަނިލްކަޕޫރް އާއި ވަރުން ދަވަން ގެ އިތުރުން ކިއާރާ އަދްވާނީ އާއި ނީތޫ ކަޕޫރް ތަރިންގެ ގޮތުގައި ހަރަކާތްތެރިވާ ‘ޖުގްޖުގްޖިއޯ’ ވެސް މިވަނީ ޝޫޓިން މެދުކަނޑާލާފައެވެ. މި ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ޗަންދީގަރު މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާއިރު ފިލްމުގެ މުހިއްމު ތަރިންކަމުގައިވާ ނީތޫ އާއި ވަރުން ކޮވިޑް19 އަށް ޕޮޒިޓިވްވެ ފިލްމުގެ ޝޫޓިން މިވަނީ މެދުކަނޑާލާފައެވެ. މި ދެތަރިންގެ އިތުރުން ފިލްމުގެ ޑިރެކްޓަރ ރާޖް މެހެތާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އަނިލް އާއި ކިއާރާވެސް ވަނީ ކޮވިޑް19 އަށް ޓެސްޓްކޮށްފައެވެ. އެހެންނަމަވެސް މި ދެ ތަރިން ބައްޔަށް ނެގެޓިވްވެފައިވާއިރު މިހާރު މި ދެ ތަރިންވަނީ ޝޫޓިން މެދުކަނޑާލުމުން އެބުރި މުމްބާއީއަށް ގޮސްފައެވެ. ނީތޫ އާއި ވަރުން ވަނީ ޗަންދީގަރްގައި އައިސޮލޭޓްކޮށްފައެވެ.

މި ފިލްމުގެ ޝޫޓީން 10 ނުވަތަ 14 ދުވަސްފަހުން ފެށޭނެކަމަށް ލަފާކޮށްފައިވާއިރު ފިލްމުގެ ޕްރޮޑެކްޝަން ޓީމުން ބުނީ މި ޑިސެމްބަރުމަހުގެ މެދުތެރޭ ޝޫޓިން ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.