ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާ އާއި އާމް އާދްމީ ޕާޓީގެ މެމްބަރު ރާގަވް ޗައްދާ ގެ ކައިވެނި އޮތީ މިއަދު ކަމަށް ބޮލީވުޑްގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
މި ދެމީހުންގެ ޕްރީ-ވެޑިންގ ހަފްލާ ވަނީ އިއްޔެ އުދައި ޕޫރުގައި ފަށާފައެވެ.
އިންޑިއާގެ މީޑިއާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި ޕަރިނީތީ އާއި ރަގަވްގެ އާއިލާގެ އިތުރުން ވަރަށް ގާތް މީހުންނާއި ބޮލީވުޑްގެ ގިނަ ތަރިން މި ކައިވެންޏަށް އިއްޔެގެ ވަގުތެއްގައި އުދައިޕޫރަށް ގޮސްފައި ވެއެވެ.
ޕަރީ އާއި ރަގަވްގެ ކައިވެނި އޮތީ އުދަައިޕޫރުގެ “ދަ ލީލާ ޕެލެސް” ކިޔާ ތަނެއްގައެވެ. ރިޕޯރޓްތައް ބުނާގޮތުން މި ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ. އެގޮތުން މި ހަފްލާގައި މަސައްކަތް ކުރާ ސްޓާފުންނަށް 3 ދުވަސް ވަންދެން އެއްވެސް ގޮތަކަށް ބޭރަށް ނުދެވޭ ގޮތަށް ވަނީ ނިންމާފައެވެ.
އުމުރުން 34 އަހަރުގެ ޕަރީ އާއި ރަގަވް 34އ ގެ ކައިވެނި ތީމް އަކީ ފޮލޯރަލް ތީމް އެކެވެ. ޕްރީ ވެޑިންގ ހަފްލާ ކުރި އަށް ގެންގޮސް ފައިވަނީ “ނައިންޓީސް” ތީމް އަކަށެވެ.
ރާގަވް އާއި ޕަރީ އެންގޭޖް ވެފައިވަނީ މި އަހަރު މެއި މަހުގައެވެ. މި ދެމީހުންގެ ލޯބީގެ ގުޅުމާއި ބެހޭ ގޮތުން އަޑުތައް ފެތުރެން ފެށީ ދެމީހުން އެކުގައި ރެސްޓޯރެންޓް ތަކުންނާއި އައިޕީއެލް މެޗެއް ބަލަންގޮސް ތިއްބާ ފެނިގެންނެވެ. މީޑިއާތަކުން ތަކުރާރުކޮށް ގުޅުމާ ދޭތެރޭ ސުވާލު ކުރިނަމަވެސް މި ދެމީހުން ގުޅުމަށް އޭރު އެއްބަސް ވެފައި ނުވެއެވެ.
ޕަރިނީތީ ބޮލީވުޑަށް ތައާރަފުވީ 2011 ވަނަ އަހަރު ނެރުނު ފިލްމް “ލޭޑީސް ވާސަސް ރިކީ ބަހްލް” އިންނެވެ.