ބޮލީވުޑްގެ އެކްޓްރެސް ސުޝްމީތާ ސެން އަށް ހާޓްއެޓޭކެއް ޖެހިއްޖެ ކަމަށް އޭނާ ބުނެފިއެވެ.
ސުޝްމީތާ އަށް ހާޓް އެޓޭކް ޖެހުނު ކަމަށް އޭނާ ބުނީ އިންސްޓަގްރާމް ގައި ލައިވްކޮށްގެން ކުރަކި އަޑަކުން ވާހަކަ ދައްކަނިކޮށް އޭނާގެ ސިއްހީ ހާލަތު ގޯސްތޯ ފޭނަކު ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.
އުމުރުން 47އަހަރުގެ އެކްޓްރެސް ބުނީ އޭނާ އަށް ޖެހުނީ “މެސިވް” ހާޓްއެޓޭކް އެއްކަމަށެވެ. އޭނާގެ ހިތުގެ މައިނާރުގެ %95 ބޮލްކްވި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ހޮސްޕިޓަލަށް ގޮސް ވަގުތުން ފަރުވާ ދިނުމުން ފުރާނަ ސަލާމަތް ވެފައިވާ ކަމަށާއި އޭނާ އަކީ ވަރަށް ނަސީބު ގަދަ މީހެއްކަމުން ފުރާނަ ސަލާމަތްވީ ކަމަށެވެ.
އެންޖީއޯޕްލާސްޓީ އަށްފަހު އޭނާގެ އަޑުގައި ކުރަކި ކަމެއް ހުއްޓަސް މުޅި އާއިލާ އާއި ހޮސްޕިޓަލްގެ ޑޮކްޓަރުންގެ އެހީއާއި އެކު މިވަގުތު ހާލު ރަނގަޅު ކަމަށްވެސް ޝުޝްމީތާ ލައިވްގައި ވާހަކަ ދައްކަމުން ބުންޏެވެ.
ސުޝްމީތާ އަށް ޖެހުނު ހާޓްއެޓޭކް އަށްފަހު އޭނާ ވަނީ ފޭނުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރި ވެފައެވެ. އަދި ޖިމަށްދާ ކަމަށް ވަންޏާ ގަވައިދުން ހުއްޓާނުލާ ދިޔުމަށް އޭނާ ވަނީ އެދިފައެވެ. ސުޝްމީތާ ބުނީ އޭނާ ސަލާމަތްވީ ސިއްޙަތަށް ބަލައިގެން އުޅޭތީ ކަމަށް އޭނާ ގަބޫލު ކުރާކަމަށެވެ. ހާޓްއެޓޭކް ޖެހުމަށްފަހު މިއަދު އެތައް ޒުވާނުންގެ ފުރާނަ ގޮސްފައިވާ ކަން ފާހަގަކޮށް އޭނާ ބުނީ ހާޓް އެޓޭކް އަކީ ހަމަ އެކަނި ފިރިހެނުންނަށް ޖެހިދާނެ ބައްޔެއް ކަމަށް ހީނުކޮށް މިކަންތަކާއި ވިސްނައި ގަވައިދުން މެޑިކަލް ޗެކަޕް ހެދުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޝުޝްމީތާ ފަރުވާ އަށްފަހު މިވަގުތު ގޭގައި އަރާމު ކުރުމުގައި ވަގުތު ހޭދަކުރި ނަމަވެސް އޭނާގެ ޑޮކްޓަރުގެ ބަހެއް ލިބުމާއެކު މިވަގުތު ކުޅެމުން އަންނަ “އާރްޔާ” ސީރީޒް ގެ ޝޫޓިންގ ފަށަން ޖައިޕޫރަށް ދާނެކަމަށް އޭނާވަނީ ބުނެފައެވެ.
ސުޝްމީތާ އަށް ބޮޑު ހާޓްއެޓޭކެއް ޖެހުނުކަން އެނގުމުން އޭނާގެ ފޭނުންނަށް ވަނީ ބޮޑުހައިިރާން ކަމެއް ލިބިފައެވެ. އަދި ވަރަށް ގިނަ ފޭނުންދަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށް އޭނާގެ ގެއަށް މާބޮނޑިތައް ފޮނުވަމުންނެވެ.
ސުޝްމީތާގެ ލައިވް ގައި އޭނާވަނީ ހެޔޮދުއާކޮށް ހަދިޔާ ފޮނުވަމުން އަންނަ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.