ޝަމްސުއްދީން ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީސް އިން މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ހިންގާ އިލެކްޓްރީޝަން ލެވެލް 3 މިއަދު ފަށުމަށް ހަމަޖެހިފައިވާކަމަށް އެފަރާތުން ވިދާޅުވެއްޖެ އެވެ.
ރޭ ސ.ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލުގައި ބޭއްވި އިފްތިތާޙީ ޖަލްސާގައި މި ކޯސް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން އެތަނުގެ ސީ.އީ.އޯ ނަސީރެވެ. ހުޅުދޫ-މީދޫގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ލެވެލް 3ގެ މި ކޯހުގައި މި ދެރަށުން ޖުމުލަ 24 ދަރިވަރުން ބައިވެރިވާއިރު، މި ކޯހުގެ މުހުލަތަކީ 192 ގަޑިއިރު ކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.
ރޭގެ އިފްތިތާޙީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕޮލިޓެކްނިކްގެ ސީ.އީ.އޯ ވިދާޅުވީ މިފަދަ ކޯސްތަކުގެ މަޤްޞަދަކީ ވަޒީފާއަށްދާން ނުވަތަ އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހި ކުރުން ކަމަށާއި އައްޑޫސިޓީ ހުޅުދޫ-މީދޫގައި މި ކޯސް ކުރިއަށް ގެންދެވޭތީ އެކަމާ ނުހަނު އުފާ ކުރާކަމަށެވެ. ހަމައެހެންމެ، މި ކޯސް ފުރިހަމަ ގޮތުގައި ނިންމާލުމަށް ސީ.އީ.އޯވަނީ ދަރިވަރުންނަށް ނަޞޭޙަތްތެރިވެފައެވެ.
ހުޅުދޫ-މީދޫގައި ހިންގޭ މި ޕްރޮގްރާމްގައި އުނގަންނަވައިދެއްވާނީ ހިތަދޫ ބްރާންޗްގެ ލެކްޗަރަރ ޢަބްދުﷲ ނަޞީރެވެ. ރޭގެ އޮރިއެންޓޭޝަނުގައި ވާހަކަފުޅުދައްކަވަމުން ލެކްޗަރަރ ވިދާޅުވީ ދަރިވަރުންގެ ހިތްވަރާއެކު މި ކޯސް ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށާއި، ދުވާލަކު 6 ގަޑިއިރު ހޭދަކޮށްގެން މި ކޯސް ނިންމައިލުމަށް އަޒުމު ކަނޑައަޅަން ޖެހޭކަމަށެވެ.
ޝަމްސުއްދީން ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީސް (އެސް.ސީ.އައި.އެސް) އިން މިވަޤުތު ދަނީ އެވިޑް ކޮލެޖުގެ ދެ ކޯހެއް ހިންގަމުންނެވެ. އެއީ ޑިގްރީ އިން ޝަރީއާ އެންޑް ލޯ އާއި ޑިޕްލޮމާ އިން އޮފީސް މެނޭޖްމެންޓެވެ. މީގެ އިތުރުން ޔުސިމަސް އާއި އަރަބިކް ކޯރސް ލެވެލް 2ވެސް ކުރިއަށް ގެންދާކަމަށް އެތަނުން މަޢުލޫމާތު ދެއްވައެވެ.
އެސް.ސީ.އައި.އެސް އިން ވަނީ ލިސާން އިންސްޓިޓިއުޓުން މުޅި ރާއްޖެއަށް އޮންލައިންކޮށް ހިންގި ބޭސިކް އަރަބި ކޯސްވެސް ކުރިއަށް ގެންގޮސްފައެވެ. މި ކޯސްތަކުގެ މައިގަނޑު މަޤްޞަދަކީ އައްޑޫސިޓީ ހުޅުދޫ-މީދޫގައި ތަޢުލީމު ފުޅާކޮށް، އެކަމަށް މަގުފަހި ކުރުންކަމަށް އެސް.ސީ.އައި.އެސްއިން ވަނީ ވިދާޅުވެފައެވެ.