މޯލްޑިވްސް ޕޮލިޓެކްނިކްގައި އޮންލައިންކޮށް ކިޔަވައިދެމުން ގެންދިޔަ ކޯސްތައް މިއަދު އަލުން ފަށައިފި އެވެ.
ޕޮލިޓެކްނިކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮންލައިން ކޯސްތައް މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް އެ މުއައްސަސާގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ. ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން އިޢުލާންކުރި ފުރަބަންދާއެކު ޕޮލިޓެކްނިކުން ވަނީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ކިޔެވުން މެދުކަނޑާލައިފަ އެވެ. އެހެންނަމަވެސް މެއި 28 އިން ފެށިގެން ފުރަބަންދަށް ލުއިތަކެއް ދިނުމާއެކު، އޮންލައިންކޮށް ކިޔަވައިދެމުން ގެންދިޔަ ކޯސްތައް އަލުން ފެށުމަށް އެ މުއައްސަސާއިން ވަނީ ނިންމައިފަ އެވެ.
އެގޮތުން ޕޮލިޓެކްނިކުން މިއަދު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް 3 އިން ކަސްޓަމަރ ރިލޭޝަންސް އެންޑް ފްރޮންޓް އޮފީސް އާއި ސެޓްފިކެޓް 3 އިން އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ އިތުރުން އެޑްވާންސްޑް ސެޓްފިކެޓް އިން ސްމޯލް ބިޒްނަސް މެނޭޖްމަންޓްގެ ފުރަތަމަ ދެ ސެމެސްޓަރގެ ކިޔެވުމާއި، ޑިޕްލޮމާ އިން އޮފީސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ފުރަތަމަ ދެ ސެމެސްޓަރގެ ކިޔެވުން ހިމެނެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ޕޮލިޓެކްނިކަކީ ޒަމާނުއްސުރެ ޓެކްނޮލޮޖީ އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތައް ކިޔަވައިދެމުންދާ މުއައްސަސާއަކަށްވެފައި، އެ ދާއިރާގެ ގިނަ ކޯސްތަކަކީ ޕްރެކްޓިކަލް ބައިތައް ހިމެނޭ ކޯސްތަކަކަށްވާތީ، އެ ކޯސްތައް ފެށުން މިވަގުތަށް ފަސްކޮށްލުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަދި ކޮވިޑް-19ގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަކުން އެޗްޕީއޭ އިން ދޭ ލަފަޔާއި އެއްގޮތަށް ނިއު ނޯމަލްގައި ޕްރެކްޓިކަލް ބައިތައް ހިމެނޭ ކޯސްތައް ފެށުމަށްވެސް ތައްޔާރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.