ވަސީލަތް ހުރީ ހުވަދު އަތޮޅުގައި ކަމަށާއި ކިތަންމެ ވަރަކަށް އުޅުނަސް އިނގިރޭސިން ހަނގުރާމަ އަށް ހެދި އެއާޕޯޓެއް ތަރައްގީ ނުވާނެ ކަމަށް ވިދާޅުވެ ތިނަދޫ އުުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ދެއްކެވި ވާހަކަތަކަށް، އައްޑޫ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރް ރައްދު ދެއްވައިފިއެވެ.
މެމްބަރު ސަނީފުގެ ވާހަކަތަކަށް ރައްދުދެއްވަމުން ނިޒާރު ވިދާޅުވީ މިހާރު ޕްރޮޖެކްޓްތަކަކީ މެންބަރުން ޑިމާންޑްކުރާ އެއްޗަަކަށްވެ ބަޖެޓްގައި ވާ އަދަދަކީ މެމްބަރުން ރުއްސަންޖަހާ އަކުރުތަކަށް ވެއްޖެކަމަށެވެ. “މި ޒާތުގެ ދެއުޅިއެއް ނުވާ ވާހަކަދެއްކެނީ ރާއްޖެތަރައްޤީވާންޖެހޭ ގޮތުގެ ޕްލޭނެއް ރޭވިފައި ނެތުމުން. މިހާރު ޕްރޮޖެކްޓަކީ މެމްބަރުންގެ ޑިމާންޑަށް ވާންޖެހޭ އެއްޗަކަށްވެ ބަޖެޓްގައިވާ އަދަދަކީ މެމްބަރުން ރުއްސަން ޖަހާ އަކުރައް ވާތަން މި ފެންނަނީ” ނިޒާރު ވިދާޅުވިއެވެ.
ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން ސަނީފް ވަނީ ސަރަހައްދީ ތަރައްގީ ގެންނަން ޖެހޭނީ އާބާދީ އާއި އިގްތިސާދު އޮތް ތަނެއްގައިކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގައި 1100 ރަށް އޮތްއިރު ހުވަދު އަތޮޅުގައި އެކަނި 255 ރަށް އެބައޮތްކަން ފާހަގަކުރައްވަމުން ސަނީފް ވިދާޅުވީ ކޮންމެ ބަޔަކު އިންޓަނޭޝަނަލް އެއާޕޯޓެއް ބާއްވައިގެން ތަރައްގީ ކުރަން އުޅުނަސް ގުދުރަތީ ވަސީލަތް ނެތި އެކަން ނުކުރެވޭނެކަމަށެވެ.މީގެ އިތުރުން ފަތުރުވެރިކަން މިހާރު ހުރި ވަރުން ވެސް ވަސީލަތްތައް އޮތީ ހުވަދޫ އަތޮޅުގައިކަން ފާހަގަކޮށް ސަނީފް ވިދާޅުވީ ގަދަބާރުން، އޮބިއަޅައިގެން ކިތަންމެ ވަރަކަށް ތަރައްގީ ގެންނަން އުޅުނަސް ތަރައްގީ ނުގެނެވޭނެކަމަށެވެ.