English Edition
Dhivehi Edition

ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތުމުން ވޯޓަކައިނުލައި ގަލޮޅު އުތުރު ދާއިރާގެ ސިޓީ ކައުންސިލްގެ ގޮނޑި ކަށަވަރު ކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސައިފް ފާތިހް ނަން އަނބުރާ ގެންދިއުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދުމުން އެ ފުރުސަތު ދެވެން ނެތް ކަމަށް އެ ކޮމިޝަނުން އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ކެންޑިޑޭޓްގެ ނަން އަނބުރާ ގެންދަން ފުރުސަތު ނުދިން ސަބަބަކީ އެއީ އިންތިހާބުވެފައިވާ ކައުންސިލަރަކަށް ވާތީކަމަށެވެ. އެއީ ކެންޑިޑޭޓެއް ނޫން ކަމަށާއި ނަން ގެންދިއުމުގެ ފުރުސަތު އޮތީ ހަމައެކަނި ކެންޑިޑޭޓުންނަށްކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ އޭނާ އިންތިހާބުވެއްޖެ ކަމަށް ކޮމިޝަނުން އިއުލާން ކޮށްފައި އޮއްވައި، ނަން އަނބުރާ ގެންދަންވެގެން ސިޓީ ފޮނުވުމުން، އެ ސިޓީގެ ޖަވާބު އޭނާއަށް ފޮނުވާފައިވާކަމަށެވެ. އެ ސިޓީގައި ޖަވާބުގައި އެއީ ކެންޑިޑޭޓެއް ނޫންކަމަށާއި އިންތިހާބީ ކައުންސިލަރެއްކަން އަންގާފައިވާނެ ކަމަށާއި މިހާރު މުއައްސަސާތަކަށް ނަން ވެސް ފޮނުވާފައިވާއިރު ގާނޫނު ބުނާ ގޮތުން އެ ބޭފުޅައަކީ ކެންޑިޑޭޓަކަށް ނުވާނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ އޭޕްރީލް މަހު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކޮވިޑް19 އާއި ގުޅިގެން ފަސްކޮށްފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ގިނަ ކެންޑިޓޭޓުންވަނީ ނަން އަބުރާ ނަގާފައެވެ. ކުރިއަށް އޮތް 2021 ވަނަ އަހަރު މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީ އިން ތައްޔާރުވަމުން އަންނައިރު، ގިނަ ބަޔަކުވަނީ އިންތިހާބާއި ޕްރައިމަރީ އާއި ދެމެދު ދިގު މުއްދަތައް ހޭދަވެފައިވާތީ އަލުން އާ ޕްރައިމަރީއަށް ބާއްވާ އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އެދިފައެވެ..