40 ރަށު ކައުންސިލް އިދާރާއެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި 40 ރަށު ކައުންސިލްގެ އިދާރާއަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ބޭނުންވާ ކަމަށާއި، އެ މަޤާމަށް މީހަކު ޢައްޔަނު ކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. އެ މަޤާމަށް ހޮވޭ ފަރާތަކަށް މަޤާމުގެ ރޭންކަށް ބަލާފައި އަސާސީ މުސާރައިގެ ގޮތުގައި މަހަކު 8،835ރ. އާއި 9،300ރ. އާ ދެމެދު ލިބޭނެއެވެ. އޭގެ އިތުރުން އެގްޒެކެޓިވް ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 6،450ރ. އާއި 6،800ރ. އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސް މަޤާމަށް ވާތީ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 34 މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިތުރުގަޑީގެ ފައިސާ އެއް ނުލިބޭނެ ކަމުގައިވެސް ސިވިލް ސީއެސްސީގެ އިޢުލާނުގައި ބުނެފައިވެއެވެ.
އެ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މާރިޗު 19 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެ ކަމަށާއި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމުގައި ސީއެސްސީން ބުނެއެވެ.
އެ މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 28 މާރިޗު 2023 އިން 22 އެޕްރީލް 2023 އާ ދެމެދު، ސީއެސްސީން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ “ވީޑިއޯ ކޮންފަރެންސް” މެދުވެރިކޮށް ކަމަށާއި، އެ މުއްދަތުގައި އިމްތިހާނު އަދި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށް ސީއެސްސީން ވަނީ އިލްތިމާސްކޮށްފައެވެ.