English Edition
Dhivehi Edition
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީހު ޖަމާލް - ފޮޓޯ: ޙުސައިން ވަޙީދު (މިހާރު)

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި މަލީހް ޖަމާލްގެ އިތުބާރު ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވަން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ފާސްކޮށްފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް އެމްޑީޕީގެ ޕީޖީ އިން ވަނީ ނިންމާފައެވެ. ޕީޖީއިން ބޭއްވި ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވާހަކަ ރައީސް ސޯލިހު އަރިހުގައި ދަންނަވަން އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގަ މަލީހުގެ އިތުބާރު ނެތްކަމަށް ބުނެ 10 މެމްބަރުން ސޮއިކޮށް އެމްޑީޕީ ޕީޖީއަށް ހުށަހެޅުއްވި މައްސަލައިގައިވަނީ ޓެލެކޮމިޔުނޭޝަން ގާނޫނުގައި ބުނާ ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭ އެއްވެސް ގަވައިދެއް، މަގާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާކަމަށެވެ. އަދި އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ދުވަސްތަކެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މަލީހު މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.