English Edition
Dhivehi Edition
18 މާރިޗު 2020 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާތީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އެ މައްސަލަ ބެލުމަށް ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލައްވާފައެވެ. އަދި އެ ކޮމީޓީއިން ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު މިކަމާ ގުޅިގެން މަލީހުއަށް އެޑްރެސްކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ ސެންޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައިވާ ގޮތަށް މަލީހު އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދާ ކަން ޕީޕީއެމްގެ ލީޑާޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެެވެ.

މި ގޮތުން ޕަޓީގެ ލީޑާޝިޕަށް އަދި ސެނެޓަށް މަޝްވަރާކުރުމެއް ނެތި އަމިއްލައަށް ކޮމިޓީއެއް އުފައްދާ ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާ އެ ޕްރެސް ކޮންފަރެންސް ލީޑުކޮށް ޕާޓީގެ އަސާސުތަކާ މަލީހު ހިލާފުވެފައިވާ ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޕާޓީގެ އަސާސީ ގަވައިދުގެ 8 ވަނަ މާއްދާގެ ދަށުން ޕާޓީގެ ލީޑާޝިޕަށް ލިބިގެންވާ ބާރުގެ ދަށުން މަލީހު އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ. އަދި ޕާޓީގެ ސުލޫކީ ކޮމިޓީއިން ގޮތެއް ނިންމަން ދެން އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް މަލީހަށް ވަނީ އަންގާފައެވެ.